ތ. ވަންދޫގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

ވަންދޫ ކައުންސިލު ރައީސް ޝިޔާޒް އިބްރާހިމް "ވަން" އަށް މިއަދު ވިދާޅުވީ، އެ ރަށު މެދުގައި 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ މިސްކިތެއް ބިނާކުރުމަށް ބިންގާ އެޅީ ހޮނިހިރު ދުވަހު ކަމަށެވެ.

އެ މިސްކިތް ބިނާކުރުމަށް މިދިޔަ ސަރުކާރުން ހަވާލުކުރީ، އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ސެޕްޓެމްބަރު މަހުގައި ކަމަށާއި ނިންމަން ދީފައިވާ މުއްދަތަކީ އެއް އަހަރުދުވަސް ކަމަށާއި، އެ މަޝްރޫއުގެ އަގަކީ ނުވަ މިލިޔަން ރުފިޔާކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ވަންދޫގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އެޅުމުގެ އަމަލީ މަސައްކަތް ފެށީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމް އަދި ވަންދޫ ކައުންސިލްގެ ރައީސް އެވެ.

400 މީހުންގެ އާބާދީއެއް އޮންނަ ވަންދޫގައި އިމާރާތްކުރާ އެ މިސްކިތް ބިނާކުރަނީ ޒަމާނީ ފެންވަރަށް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.