އެންމެ ގާތް އަވަށްޓެރިޔާގެ އިތުރުން އިންޑިއާއަކީ ރާއްޖެއަށް މި ފަހުގެ ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން އައި އެއް ގައުމެވެ. ފާއިތުވި ތިން އަހަރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަކީ އިންޑިއާއެވެ. މިދިޔަ ފަސް އަހަރަށް ބަލާނަމަ އެ ގައުމުން 956،855 ފަތުރުވެރިން އައިސްފައިވެއެވެ.
ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ އިހުތިސާސް ތެރޭގައި އޮންނަ ލަކްޝަދީޕުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ކުރެއްވި ޕޯސްޓްތަކަކާ އެކު ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އިންޑިއާ މީހުން ނުކުތެވެ. ލަކްޝަދީޕް ޕްރޮމޯޓުކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފެށިއެވެ. ރާއްޖެ ބޮއިކޮޓް ކުރަންވެސް ގޮވިއެވެ.
އެއާއެކު ޖަޒުބާތުގައި ޖެހި ދިވެހީން ނުކުތީ އިންޑިއާގެ ރައްޔިތުންނާއި އެ ގައުމުގެ ވެރިންނާވެސް ދެކޮޅަށެވެ. އެކަން ބޮޑަށް ފެނިގެން ދިޔައީ މި ސަރުކާރުގެ ބައެއް އެކްޓިވިސްޓުންނާއި މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ފަރާތުންނެވެ. މައްސަލަ އިތުރަށް ގޯސްވީ އެ ހިސާބުންނެވެ.
ނަމަވެސް އެ ކެމްޕެއިން ފެށިތާ ތިން ހަފުތާ ވެގެންދިޔައިރު، އޭގެން ނުކުތް ނަތީޖާއަކީ ކޮބައި ހެއްޔެވެ؟
ޓޫރިޒަމް މިނިސްޓްރީން ލިބެން ހުރި މައުލޫމާތަށް ބަލާއިރު، އިންޑިއާއިން ހިންގި ރާއްޖެ ބޮއިކޮޓް ކެމްޕެއިނާ އެކުވެސް އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދަށް ދަށްވުމެއް އައިކަމަކަށް އަދިއެއް ނުދައްކައެވެ.
އެގޮތުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ 24 ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި އިންޑިއާއިން ރާއްޖެ އައީ 8258 ފަތުރުވެރިންނެވެ. އިންޑިއާގެ މާކެޓަކީ އޭރު ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ 24 ދުވަހަށް ބަލާއިރު، އެ މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 13،116 ފަތުރުވެރިން އައެވެ. އެއީ 2022 ވަނަ އަހަރަށްވުރެ 1.9 ޕަސެންޓުގެ އިތުރުވުމެކެވެ. އޭރު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ތިންވަނަ މާކެޓުގެ ގޮތުގަ އެވެ. އެ އިތުރުވުން ބޮޑަށް އައީ ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާވެސް އެކުއެވެ.
މި މަހުގެ ފުރަތަމަ 23 ދުވަހަށް ބަލާއިރު އިންޑިއާއިން ރާއްޖެ އައިސްފައި ވަނީ 10،685 ފަތުރުވެރިންނެވެ. މާކެޓް ޝެއާއަށް ބަލާއިރު، އެއީ 2023 އަށްވުރެ 2.3 ޕަސެންޓުގެ ދަށްވުމެއް ނަމަވެސް މި ވަގުތު އިންޑިއާ އޮތީ ފަސްވަނައިގައެވެ.
ރާއްޖޭގެ ޓޫރިޒަމްގެ މަޝްހޫރު މޫނެއް ކަމަށްވާ އިނަ މޯލްޑިވްސްގެ އެއް ޑިރެކްޓަރު އަދި ޓްރެވެލް އެޖެންސީ އޭސް އޭވިއޭޝަންގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ފެށި ކެމްޕެއިނާ އެކު އާ ބުކިންތަކަށް އަސަރު ކުރި ނަމަވެސް ހަދާފައި ހުރި ބުކިންތައް ކެންސަލްކުރުން ފަދަ ކަމެއް ނުވެއެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ރާއްޖެ ބޮއިކޮޓް ކެމްޕެއިންގައި ބައިވެރިވި މީހުންގެ އަދަދު މަދުވުމާއި ބައިވެރިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ގައުމުން ބޭރަށް ދަތުރުކުރާ މީހުންނަށް ނުވުމެވެ.
އިންޑިއާގެ ބައެއް ފިލްމީ ތަރިންނަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ރިސޯޓްތަކުން ހުރިހާ ހަރަދު ދީގެން ގެންނަ ބައެއްކަން ފާހަގަކުރައްވައި ފިރާގު ވިދާޅުވީ، އިންޑިއާގެ ބައެއް ފިލްމީ ތަރިންނަކީ ސިޔާސީ ބައެއް ކަމުން އެ މީހުން ބުނެލާ އެއްޗެއްގެ އަސަރުވެސް ހީކުރާ މިންވަރަށް ނުކުރާނެ ކަމަށެވެ. އިންޑިއާއިން އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދު ކަމަށް ދައްކަނީ، އެހެން މާކެޓްތަކުން އަންނަ ފަތުރުވެރިން އިތުރުވެފައިވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިރާގުގެ ވާހަކަތަކަށް ތާއީދުކޮށް ރާއްޖޭގައި ގެސްޓްހައުސް ކޮންފަރެސް އިންތިޒާމުކޮށް ބާއްވާ ގެޓަވޭ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމީމް ރައްޒާގު ވިދާޅުވީ، ރާއްޖެ ބޮއިކޮޓް ކެމްޕެއިންގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް އެއްގޮތަކަށްވެސް ނުކުރާ ކަމަށެވެ.
އޭނާވެސް ވިދާޅުވީ، އެ ކެމްޕެއިންގައި ބައިވެރިވެ ސޯޝަލް މީޑިއާގައި ޕޯސްޓު ލިޔެ ހަދާ ގިނަ މީހުންނަކީ ޕާސްޕޯޓެއް ނެތް އަދި އިންޓަނޭޝަނަލް ދަތުރުތައްވެސް ނުކުރާ ބައެއް ކަމަށެވެ. އިންޑިއާ މާކެޓްގެ ވަރަށް ބޮޑު އިންސައްތަ އަކީ ގެސްޓްހައުސްތަކަށް އަންނަ މީހުންނަށްވާއިރު، ގެސްޓްހައުސް އަށް އަންނަ ހަ މީހުންނަށްވުރެ ޔޫރަޕުން ރިސޯޓަކަށް އަންނަ ދެ މީހުންގެ ފަރާތުން ބޮޑު ހޭދައެއް ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އަހުމީމު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތަކަށް އިންޑިއާއިން އަންނަ ގިނަ މީހުންނަކީ މުއްސަނދީން ކަމަށާއި އެ މީހުންނަކީ ގައުމުތަކުގައި ހިންގާ މިފަދަ ސިޔާސީ ކަންކަމުގެ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށެވެ. އެހެން ނޫނަސް ދަތުރުކުރާ މީހުންނަކަށް އެ ގައުމެއްގައި އޮންނަ ސިޔާސީ ކުޅިވަރު މުހިންމު ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފިރާގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ފެށި ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް ހަގީގަތުގައިވީ ފައިދާ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ކެމްޕެއިންގެ ތެރެއިން އިންޑިއާ އާއި ދުނިޔޭގެ އެތައް ބަޔަކަށް ރާއްޖެ އިޝްތިހާރު ވުމެވެ. އެހެން މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަހުމީމު ވިދާޅުވި ގޮތުގައި, ދުނިޔެއަށް ރާއްޖެ މަޝްހޫރު ވެފައި އޮންނަނީ ދިވެހީންގެ ހިތްހެޔޮކަމާއި މެހެމާންދާރީއަށް ކަމަށާއި ރާއްޖޭގެ ސިޔާސީ ކަންކަމާއި ދީނާއި ސަގާފަތް ދަންނަނީ އެއަށްފަހު ކަމަށެވެ. އެހެންކަމުން ރާއްޖެއާ ދެކޮޅަށް, ހާއްސަކޮށް ފަތުރުވެރިކަމާ ދެކޮޅު ކެމްޕެއިންތައް ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑަށް އަސަރު ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"ޕެރިހަކީވެސް ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް. އެކަމަކު ޕެރިހަކީ ވަރަށް ރޭސިސްޓު ތަނެއްގެ ގޮތުގަ ލޭބަލްވެފަ މި އޮންނަނީ. ފަތުރުވެރިންވެސް އެކަމަށް ބަލާނެ. ނަމަވެސް އެތަނަށް މީހުން ދާނެ. ރާއްޖެއަށްވެސް އަންނާނެ. އެކަމަކު ރާއްޖޭގެ ބްރޭންޑް ހިފެހެއްޓުމަކީ މުހިންމު ކަމެއް," އަހުމީމު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ, ރާއްޖޭގެ ސިޔާސީ ކަންކަމާއި ފަތުރުވެރިކަން ވަކިކޮށްގެން ގެންގުޅުން މުހިންމު ކަމަށާއި ސިޔާސީ ކަންމުގެ ތެރެއަށް ފަތުރުވެރިކަން ވެއްދުމަކީ ގެއްލުމެއް ކަމަށެވެ.
ފިރާގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އިންޑިއާއިން ފެށި ކެމްޕެއިން ވައިގައި ނުހިފި ނަމަވެސް އެފަދަ ކެމްޕެއިންތައް ކުރުމަކީ ރާއްޖެއަށް އޮތް ގެއްލުމެކެވެ. އެކަމާމެދު ދިވެހިން ވިސްނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު