ފަލަސްތީނުގައި ހިންގާ ގަތުލުއާއްމުގެ އަމަލުތައް ހުއްޓާލަން ދުނިޔޭގެ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލުގެ މައްޗަށް ކުރި އަމުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ފަލަސްތީނުގައި ގަތުލްއާއްމު ހިންގާފައިވާ ކަމަށް ބުނެ، އެ އަމަލުތައް ވަގުތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށް އެދި އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާ އިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ މި މަހުގެ ކުރީކޮޅުއެވެ. ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލާގައި ގާޒާގައި ހަމަލާ ބަދަލުކުރުން ވަގުތުން މެދުކަނޑާލުމުގެ އަމުރެއް ނެރެދިނުމަށްވެސް އެދުނެވެ.

އެ މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރުން ވިދާޅުވީ، އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ކަންކަމަށް ބަލާއިރު ކޮންވެންޝަނާ ހިލާފު އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭ ކަންކަން އެބަހުރި ކަމަށެވެ.

އެ ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާޒާގެ ރައްޔިތުން ގަތުލުކުރުން މިހާރުން މިހާރަށް އިޒްރޭލުން ހުއްޓާލަންޖެހޭ ކަމަށެވެ. ކޮންމެ އިންސާނެއްގެ ފުރާނައިގައިވެސް އަގެއް އޮންނާނެ ކަމަށާއި އިންސާނުންގެ ފުރާނަ ހިމާޔަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ބޮމުގެ ހަމަލާތަކުންނާއި ގެދޮރު ގެއްލުމުންނާއި އަދި ނަސްލީ ތަފާތުކުރުންތަކުން ހަމަޖެހުމެއް އަދި ސުލްހައެއް ލިބިގެންނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަގީގީ އަދި ދިގުދެމިގެންދާނެ ހަމަޖެހުން ލިބިގެންދާނީ 1967 ވަނަ އަހަރު ކަނޑައެޅި ބޯޑަރުގެ މައްޗަށް ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ވެގެން" ރައީސް، އެ މަނިކުފާނުގެ ގޮވާލުން ތަކުރާރު ކުރައްވައި ވިދާޅުވެފައިވެއެވެ.

ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލާގައި އައިސީޖޭ އިން މިއަދު ވަގުތީ އަމުރެއް ނެރުމުގެ މަގުސަދަކީ އެ މައްސަލާގައި އައިސީޖީގެ ނިޔާ ކަނޑައަޅަން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޯޓުން އަސްލު މައްސަލަ ބަލަމުންދާއިރު ގާޒާގައި ތިބި ފަލަސްތީނު މީހުންނަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ފޯރުކޮށްދިނުމެވެ.

އެ މައްސަލައާ ގުޅިގެން އައިސީޖޭ އިން މިއަދު ނެރުނު އަމުރުގައި އިޒްރޭލުން، ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އަންގާފައެއް ނުވެއެވެ. ނަމަވެސް ހަތް ކަމެއް އިޒްރޭލަށް އަމުރުކުރިއެވެ.

  • - ޖެނޮސައިޑް ކޮންވެންޝަންގައި އިހުތިރާމްކޮށް، އެ ކޮންވެންޝަނާ އެއްގޮތަށް އަމަލުކުރުމަށް އިޒްރޭލަށް އެންގި
  • - އިޒްރޭލުގެ ސިފައިން ޖެނޮސައިޑް ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ކުށެއް ނުކުރާނެކަން ޔަގީންކުރުން
  • - ގަތުލު އާންމަކަށް ހިތްވަރުލިބިދޭނެ ވާހަކަތަކަށް އިޒްރޭލުން ސީރިއަސް ގޮތެއްގައި ރިއާޔަތްކުރުމަށް
  • - ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިޔުމަނެޓޭރިއަން ކްރައިސިސްއަށް އިޒްރޭލުން ރިއާޔަތްކުރުމަށް
  • - ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ލިބިދޭކަން އިޒްރޭލުން ކަށަވަރުކުރަންވާނެ
  • - ގަތުލުއާންމުގެ ހިންގި ކަމަށް ބެލެވިދާނެ އެއްވެސް ހެއްކެއް އިޒްރޭލުން ނައްތާލުމަށް
  • - އައިސީޖޭގެ އަމުރާ ގުޅިގެން އިޒްރޭލުން އަމަލުކުރާނެ ގޮތުގެ ރިޕޯޓެއް ހުށަހެޅުމަށް

އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން ލާޒިމުވި ނަމަވެސް، އައިސީޖޭގެ ނިންމުންތައް ތަންފީޒު ކުރާނެ ބޮޑީއެއް ނޯވެއެވެ. އެހެންކަމުން އިޒްރޭލުން އައިސީޖޭގެ އެންގުންތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.