ކުޅިވަރު އެސޯސިއޭޝަންތަކުން، އެތުލީޓުންގެ ދަތުރުތަކަށް ކުރާ ހަރަދު މިނިސްޓްރީން ހަމަޖައްސަން ދިމާވާ ދަތިތައް އަވަހަށް ހައްލުކުރަން، އެ ދަތުރުތަކުގެ މައުލޫމާތު ކުރިއާލާ ފޯރުކޮށްދޭން އެސޯސިއޭޝަންތަކުގައި އެދިފައިވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު އެހެން ވިދާޅުވީ ރޭ ސަލްޓަން ޕާކުގައި ބޭއްވި ޕަބްލިކް ފޯރަމްގައި ޕެރަ ބެޑްމިންޓަން އެތުލީޓް ހައްވާ އީޝަލް ރިޔާޒް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އީޝަލްގެ ފުރަތަމަ ސުވާލަކީ ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސްގެ ހާއްސަ ކުޅިވަރުތައް ބާއްވަން ކިހާވަރަކަށް ވިސްނަވަންތޯއެވެ. ދެވަނަ ސުވާލަކަށް ކުރި ސުވާލަކީ އެތުލީޓުން ފުރަންދާއިރުވެސް ފުރޭނެކަން ކަށަވަރު ނުވެ، އެ ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެތޯއެވެ.

ރާއްޖޭގެ ބައެއް ގައުމީ ޓީމުތަކަށް ފުރަން ގޮސް ވެސް، މިދިޔަ އަހަރު ނުފުރި ތިބެން ޖެހުނު މަންޒަރު ފެނިފައިވާ އިރު، އެ މައްސަލަތައް އޮތީ ބޮޑުވެފައެވެ.

ރާފިއު ރޭ ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް އެސޯސިއޭޝަންތަކާ ވާހަކަ ދައްކަވާފައިވާނެ ކަމަށާއި އަހަރު ތެރޭގައި ކުރާ ހުރިހާ ދަތުރުތައް ކުރިއާލާ ރާވައިގެން މިނިސްޓްރީއަށް އަންގައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.

"އެސޯސިއޭޝަންތަކުގެ ބަޖެޓް ދަތިވެ، އެތިލީޓުން ތަންތަނަށް ދަތުރުކުރުމަށް އޮންނަ ދަތިތައް ހައްލު ކުރުމަށް މިހާރު ވަނީ އެސޯސިއޭޝަންތަކާ އެކު މަޝްވަރާ ކުރެވި، ހައްލަކަށް މަސައްކަތް ކުރެވިފައި. މީގެ ކުރިން އެސޯސިއޭޝަންތަކާއި މިނިސްޓްރީއާ ދެމެދު ކޮމިއުނިކޭޝަން މައްސަލަތަކެއް އެބަ ދިމާވޭ. އެހެންވަމުން ގޮސް، އެންމެ ފަހު މިނެޓް ކަންކަން ހަމަނުޖެހިގެން އާންމުކޮށް ދަތިތައް މި ދިމާވަނީ. އެހެންވީމަ އަޅުގަނޑުމެން މަޝްވަރާކޮށް، މިހާރު އަންގާފައި ވާނީ މުޅި އަހަރު ކުރަންޖެހޭ ދަތުރުތަކާއި އަހަރު ތެރޭގައި ހިނގާ އެކަހަލަ ބޮޑެތި ހަރަދުތައް ކުރިއާލާ ރާވައި، އެކަމަށް ފަންޑު ހޯދަން އެދުމަށް. އެއީ މިކަންކަމަކީ ފަންޑް ކުރެވޭނެ ކަންކަމަށްވެސްވާތީ. އެހެންވީމަ ކުރިއާލާ ދަތުރުތަކުގެ މައުލޫމާތުވެސް އެނގިގެން އެކަމަށް ފަންޑް ހަމަޖެއްސުމުގައި ފަސޭހަވާނީ،" ރާފިއު ވިދާޅުވިއެވެ.

ރާފިއު އީޝަލްގެ ފުރަތަމަ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިނިސްޓްރީން ކުޅިވަރު ރާވައި ނުހިންގި ނަމަވެސް، ރާއްޖޭގައި އެކަމާ ގުޅުން ހުރި އެސޯސިއޭޝަނަށް އެހީތެރިވެދީ އެކަމަށް މަގިފަހިކޮށްދޭނެ ކަމަށެވެ.