ޕީޕީއެމް/ ޕީއެންސީގެ ސަރުކާރުން ގައުމީ މަސްލަހަތުގައި ނޫނީ އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް މި ސަރުކާރުން ބުނާ ސަރަހައްދު ހޯދަން ކުރާ މަސައްކަތުގައި ބައިވެރިވާ ބޭރުގެ ދެ ތަޖުރިބާކާރުންނަށް ކުރާ ހަރަދުގެ ތަފުސީލާއި އެ މީހުންގެ މައުލޫމާތު ހާމަނުކޮށް ސިއްރުކޮށްފައިވާތީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައިސް ތިބީ ރައްޔިތުންނަށް ކަމެއް އޮޅުވާލައިގެން ވެރިކަން ކުރުމަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރެއް ނުކުރާނެ، ގައުމީ މަސްލަހަތެއް އޭގައި އެކުލެވިގެންވާ ކަމެއް ފިޔަވާ، އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ،" އަބްދުލްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގައުމީ މަސްލަހަތެއް ހިމެނޭ ކަމެއް ހާމަކުރަން ޖެހިއްޖެ ނަމަ އެކަންވެސް ސަރުކާރުން ކުރާނެ ކަމަށެވެ.

ގައުމީ މަސްލަހަތުގައި ނޫނީ ސަރުކާރުން ކަމެއް ސިއްރު ނުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އިރު، ކުރީ ސަރުކާރުން އިންޑިއާ އާއެކު ވެފައިވާ ކަމަށް ބުނާ އެއްބަސްވުންތައް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި ދާދި ފަހުން އާ ނުކުރަން ނިންމި ހައިގްރޮގްރަފީ އެއްބަސްވުމުގެ މާބޮޑު ތަފުސީލެއްވެސް ސަރުކާރުން ދީފައެއް ނުވެ އެވެ.