ކަޅުއޮށްފުންމީގެ ނަކަލުގެ ގޮތުގައި ބަން ނަވަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަޅުއޮށްފުންމި އަކީ އަނގަމަތިި މަސްދޯންޏެއްގެ ގޮތަށް ސިފަކުރީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށެއް ނޫން ކަމަށެވެ.
"އުތީމު ތަކުރުގެ އޮޑިއަކީ ބަޑި ބެހެއްޓި ނަވަކަށް ވުން މާ ގާތް" ނަޝީދު އޭނާގެ ހިޔާލު ހިއްސާކުރައްވައި ވިދާޅުވިއެވެ.
ކަޅުއޮށްފުންމިއަކީ މީލާދީން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.
ކަޅުއޮށްފުންމީގެ ނަކަލު ބަނދެވުނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައި ވަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު، ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ދިގު މިނުގައި 51 ފޫޓު ހުންނަ އެ ނަވު، މޫދަށް ބާލާފައިވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ އާރަށަށް އެހެލާފަ އެވެ.
އެ ނަވު، މިހާރު މާލެ ގެނެސްފައިވާއިރު، ޗާނދަނީ މަގުގައި ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި އެ ނަވު އާއްމުންނަށް ފެންނާނެހެން ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކަޅުއޮށްފުންމި ބަހައްޓާ ސަރަހައްދުގައި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. އަދި އެތަނުގައި އޮޑިހަރުގެއަކާއި ކަޅުއޮށްފުންމި ބަލައިލަން ތިބެވޭނެ ޕްލެޓް ފޯމެއް ވެސް ހަދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު