ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ނ. ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ކުރި ހުކުމަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.

މީގެ ކުރިން 1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރު ކުރީ އެރަށް 21 އަހަރަށް ބަޔަކަށް ކުއްޔަށް ދޭން ފިޝަރީޒް މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލަ ނިމެންދެންނެވެ.

އެ އަމުރު ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. ހައިކޯޓުގެ ހުކުމުގައި ވަނީ، ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވުމަކީ މައްސަލަ ނިމޭ ގޮތަކުން ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވެގެން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން، ބީލަމުގެ އުސޫލުން އެހެން ބަޔަކަށް އެތަން ދީފައި ވަނިކޮށް މައްސަލަ ނިމޭގޮތަކުން ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ވެސް އެ ހުކުމުގައިވެއެވެ.

އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ދިވެހި ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުުކުމުގައި ވަނީ، ސިވިލް ކޯޓުން ކުރި އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާ ކަމަށެވެ.