"ހިޔަލަ ވީކެންޑް މާކެޓް"ގެ ސަބަބުން އާއިލާތަކުގެ ފުދުންތެރިކަން އިތުރު ކުރެވޭނެކަމަށް މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓަރު މިހެންވިދާޅުވީ މިދިޔަ ހަފުތާ ބަންދުގައި "ހިޔަލަ ވީކެންޑް މާކެޓް" ހުޅުއްވައިދެއްވައި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަދައްކަވަމުންނެވެ.

"ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަންހެން ވިޔަފާރިވެރީންނަށް ވިޔަފާރި ކުރުމުގެ މަގުތައް ފަހިވާނެ. މިކަމުން ފައިދާކުރާނީ ހަމައެކަނި އަންހެން ވިޔަފާރިވެރިންނަކަށް ނޫން. މިއީ އެ އާއިލާތަކަށްވެސް އަދި ޖުމުލަ ގޮތެއްގައި މުޅި މުޖުތަމައަށްވެސް ލިބިގެންދާ ފަހި ފުރުސަތަކަށް، ކުރިއެރުމަކަށް އަދި ފުދުންތެރިކަން އިތުރު ކުރެވޭނެ އާ މަގުތަކަކަށް ވެގެންދާނެ" ކަމަށެވެ.

"ހިޔަލަ ވީކެންޑް މާކެޓް"ގެ މަގުސަދަކީ، އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ވިޔަފާރި ސަރަހައްދެއް ގާއިމްކޮށްދިނުމެވެ. އެކަން ކުރިއަށްގެންދަނީ ސަރުކާރުގެ އިސްނެގެމާއި އެކު ބީސީސީ އާއި އިކޮނޮމިކް މިނިސްޓްރީގެ އެއްބާރުލުމާއެކުގައެވެ. އެ މާކެޓްގެ ސަބަބުން އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ކުރިއަރުވާނެ އިތުރު ދޮރުތަކެއް ހުޅުވި އެ މީހުން ކުރާ މަސަައްކަތްތައް ގިނަބަޔަކަށް ތައާރަފުވެ، އެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މިހާރު ރާއްޖޭގައި އެތަކެތި ވިއްކި ނަމަވެސް، އެކަން އިތުރަށް ފުޅާވުމުން ރާއްޖެއިން ބޭރުގެ މާކެޓު ތަކުގައިވެސް އެ ތަކެތި ވިއްކޭނެ އިންތިޒާމުތައް ބީސީސީން އަންނަނީ ހޯދައިދެމުން ކަމަށާއި އަންހެން ވިޔަފާރިވެރިން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި، ކުޑަކުލިތަކެއް ނަގައި، އަދި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެއްކަމަށްވެސް ޑރ. އައިޝަތު ވިދާޅުވިއެވެ.

އެ މާކެޓްގެ ސަބަބުން އަންހެން ވިޔަފާރިވެރިންނަށް ލިބޭނެ ފައިދާތަކަށް އަލި އަޅުވައިލައްވަމުން ޑރ. އައިޝަތު އިތުރަށް ވިދާޅުވީ، ތަނަވަސް ވެގެންދިޔައީ ދިވެހި އަންހެނުންގެ އަމިއްލަ އުފެއްދުންތައް ވިއްކޭނެ ފުރުސަތެއ1 ކަމަށެވެ. އާންމުންނާއި ހަމަޔަށް އެ މަސައްކަތްތައް ފޯރުކޮށްދިނުމުގެ އިތުރު މަގެއް ކަމަށެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާކަމެއް ކަމަށާއި އެ ތަންތަނުން އާންމުންނާއި ފަތުރުވެރިންގެވެސް ޝައުގުވެރިކަން އުފެދޭކަމަށެވެ.

"ހެދިފައިވާ ބައިނަލްއަގުވާމީ ގިނަ ދިރާސާތަކުން ދައްކާގޮތުން، އާއިލާއެއްގައި ހުންނަ އަންހެނަކީ އުފެއްދުންތެރި ފުދުންތެރި މީހަކަށް ވުމުން އުފާވެރިކަން މުޅި އާއިލާޔަށް ލިބިގެންދޭ. އެހެންކަމުން ކޮންމެ އަންހެނަކީވެސް ފުދުންތެރި އަންހެނަކަށް ވުމަކީ މުހިންމުކަމެއް. ސަރުކާރުގެ އެންމެ މުހިންމު އެއް އަމަޒަކީ އަންހެނުން ބާރުވެރި ކުރުވުން" ކަމަށްވެސް ޑރ. އައިޝަތު ވިދާޅުވިއެވެ.