ރޯދަ މަސް ނިމުމުން މާލޭގައި ހަތަރު ބުރީގެ މަސް މާރުކޭޓެއް ހެދުމުގެ މަސައްކަތް ފަށާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވައިކުރެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު މަސް މާރުކޭޓަށް ހެދުމަށް އެއިރުގެ ސަރުކާރުން ފުރުސަތު ނުދިނުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން މިހާރު ވަނީ އެ މަސައްކަތް ފަށަން ތައްޔާރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ ރޯދަ މަސް ނިމޭތަނުން އަމަލީ ގޮތުން ލޯކަލް މާރުކޭޓް އެހުރި ތަނުގަ އަމަލީ ގޮތުން އެ އިމާރާތް ހަދަން ފެށޭނެ. މިކަމަށް ކައުންސިލުން އަޅުގަނޑު ޔަގީން ކުރަނީ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް. ހަތަރު ބުރިއަށް ހަދާ އެންމެ ޒަމާނީ އިމާރާތެއް އެއީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސް މާރުކޭޓަށް ދާ މީހުންގެ އަދި އެތަނުގެ މުވައްޒަފުން އުޅަނދު ޕާކުކުރާ ޖާގަ ހުންނާނީ އިމާރާތުގެ ދަށުގައި ކަމަށެވެ. ގްރައުންޑް ފްލޯގައި ހުންނާނީ އެންމެ ޒަމާނީ ސްޓޭޓް އޮފް ދި އާޓް ފެންވަރުގެ މަސް މާރުކޭޓެއް ކަމަށާއި އެއްވަނަ އަދި ދެވަނަ ބުރީގައި ހުންނާނީ އެކިކަހަލަ ކާބޯތަކެތި ކަމަށް ރައީސް ވިދާޅުވިއެވެ. އެންމެ މަތީގައި ހުންނާނީ އެކިކަހަލަ ވިޔަފާރިތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޑިޒައިނަކީ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ޑިޒައިނެއް ކަމަށް ރައީސް ވިދާޅުވިއެވެ. އާ މަސްމާރުކޭޓް ހެދުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.