ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ފެންނަ ޓަނަލަކުން މާލެ އާއި ރަސްމާލެ ގުޅައިލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ހުވާކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެއާއި މާލެއާ ގުޅުވާލުމަށް ފަންނީ، އިނޮވޭޓިވް މަސައްކަތެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން މާލެއާއި ރަސްމާލެއާ ދެމެދު ކަނޑުއަޑީގެ ޓަނަލެއް އެޅުމުގެ މަސައްކަތާ ބެހޭގޮތުން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.
"މުޅި ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ އަންޑާ ވޯޓާ ޓަނަލް މާލެއިން ރަސްމާލެއިން ގުޅުވާލުމުގެ މަސައްކަތް، އެ ޓަނަލް ވެގެން ދާނީ، އެ ޓަނަލްގައި ޓްރެއިންގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލްއަކަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ޓަނަލަކުން ގުޅާލެވި ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް މީހުން ދިރިއުޅެމުންދާ ކަމަށެވެ. ސަރުކާރުން ކުރިއަށްގެންދާ ހުރިހާ ކަމެއް ކުރާނީ ދެކޮޅުޖެހޭ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ކުރިއަރައި، ޓޫރިސްޓުން ރާއްޖެއަށް އަންނަ އަދަދު އެތައް ގުނައަކުން އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބުރިޖު އެޅުމުގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށެވެ.
ރަސްމާލެ ނުވަތަ ފުށިދިއްގަރު ފަޅު ހިއްކައި އެތަނުން ގޯއްޗާއި ފުލެޓު ދިނުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެެކެވެ. ފުށިދިއްގަރުފަޅު، ރަސްމާލޭގެ ނަމުގައި ތަރައްގީކުރަން ނިންމައި އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ފަށައިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.
ފުށިދިއްގަރުން 1,280 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1 ފޭސް 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނައެވެ. އެތަނުން 11،970 ގޯއްޗާއި، ތިން ކޮޓަރިއާއި ހަތަރު ކޮޓަރީގެ 26،500 ހައުސިން ޔުނިޓު ހެދުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު