މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ މައުމޫނު (މާނު) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން އިސްނަގައިގެން ބެލި މި މައްސަލައިގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މާނު ހުންނެވި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ)، ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި އޭނާ ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189 ރުފިޔާ ނަގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އެ ފައިސާ އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން 7 ދައުވާއެއް ކުރުމަށް އޭސީސީން ވަނީ އެދިފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށް ވެސް އޭސީސީން ވަނީ ނިންމައިފައެވެ.