އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތުގެ ސާވޭ ހިލޭ ކޮށްދިނުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އައްޑޫ ބުރިޖުގެ މަސައްކަތައް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" ކުންފުނިން ކަމަށެވެ.

"އެކަމާ ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީ، އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ކަމަށްވާ ނަމަ، އެކަމުގެ މަސައްކަތް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށްގެންދަން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމައިފައި،" ނާޒިމް ވިދާޅުވިއެވެ.

ދަރުބާރުގޭގައި މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅާ ބުރިޖުގެ ފީސިބިލިޓީ އާއި ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ރައީސް ވިދާޅުވެފައެއް ނުވެއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައްޑޫގައި އެ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީސިލިބިލިޓީއާ ޑިޒައިން މަސައްކަތް އަޅުގަނޑުމެން ބަޔަކާ ހަވާލު ކުރާނަން. އޭރުން އެ ބްރިޖުގެ އަގު ކުރުމަށްޓަކައި ކޮންޓްރެކްޓަރެއް ހޯދައި އެ މަސައްކަތް ހަވާލު ކުރުމަށްޓަކައި ނިންމަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރު ކުރުމަށް މަގު ފަހިވާނެ،" ރައީސް ވިދާޅުވިއެވެ.

ހިތަދޫއާއި ހުޅުމީދޫއާ ދެމެދު ބުރިޖެއް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.