ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެދުނީއްސުރެ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، 16 އަހަރަށް ފަހު މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

މިދިޔަ ސަރުކާރުގައި ނައިބު ރައީސްކަންވެސް ފައިސަލް ކުރެއްވީ ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީގެ ސްލޮޓެއްގައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ފައިސަލް މިއަދު ވަނީ ޖޭޕީން ވަކިވެވަޑައިގަންނަވަން ސިޓީ ފޮނުއްވައިފައެވެ.

ފައިސަލް، ޖޭޕީން ވަކިވެވަޑައިގަތް ނަމަވެސް އެއްވެސް އެހެން ސިޔާސީ ޕާޓީއަކާ އޭނާ އަދި ގުޅިވަޑައިގެންފައެއް ނުވެއެވެ.

ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުން ފެށިގެން ފައިސަލް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީއާ އެކުގައެވެ. ރިޔާސީ އިންތިހާބުގައިވެސް ފައިސަލް ތާއީދުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ފައިސަލް، ޖޭޕީން ވަކިވެވަޑައިގެންނެވި އިރު، މި މަހު 13 ގައި ބޭއްވި މާލޭ ސިޓި ކައުންސިލްގެ ބައި އިލެކްޝަންގައިވެސް އޭނާ ވަނީ އެމްޑީޕީގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންފައެވެ.

ފައިސަލް ސިޔާސީ ހަޔާތް ފެއްޓެވީ 2004 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުންނެވެ. އޭނާ ވަނީ ފުވައްމުލަކު މެންބަރެއްގެ ގޮތުގައި ހާއްސަ މަޖިލީހުގައި ހިދުމަތް ކުރައްވައިފައެވެ. އެއަށް ފަހު، 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ފައިސަލް ސޮއިކުރެއްވިއެވެ.

އޭގެ ފަހުން، އެމްޑީޕީގައި ހުންނަވާފައި 2008 ވަނަ އަހަރު ގާސިމް ރިޔާސީ އިންތިހުބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޖޭޕީ އުފެއްދެވުމާ އެކު ފައިސަލް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ. އެއަށް ފަހު، މިއަދާ ހަމައަށްވެސް އޭނާ ހުންނެވީ ޖޭޕީގައެވެ.

ނައިބު ރައީސަކަށް ވުމުގެ ކުރިން ފައިސަލް ވަނީ، 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ މެންބަރަކަށް އިންތިހާބުވެވަޑައިގަތް، އެ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.