ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް މުހައްމަދު ޖާހު ހާލިދު 13އ ނިޔާވުމުގެ ޒިންމާ ސަރުކާރުން ނަގައި، އާއިލާގެ ކިބައިން މައާފަށް އެދެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ގޮވާލައިފިއެވެ.
ޖާހު މަރުވެފައި ވަނީ އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ގެނައުމަށް ފްލައިޓެއް ނުލިބި ގިނައިރުވުމުން ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ. ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކުރެވެން އޮއްވައިވެސް އެކަން ކޮށްފައިނުވާ ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.
އެކަމާ ގުޅިގެން، އެމްޑީޕީން ޖާހުގެ އާއިލާއަށް ތައުޒިޔާ ކިޔައި ރޭ ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރަނީ ޒިންމާއިން ރެކުމަށް ކަމަށެވެ.
"ސަރުކާރުގެ އިސްވެރިން މި ހާދިސާގެ ޒިންމާއިން ރެކި ދައުލަތުގެ ކުންފުނިތައް ބަދުނާމު ކުރާ ކުރުން މި ޕާޓީން ދެކެނީ ފިނޑި އަމަލެއްގެ ގޮތުގައެވެ. މިކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ކިބައިން މައާފަށް އެދުމަށް ގޮވާލަމެވެ." އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާ ހަމައަށް ރާއްޖޭގައި ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަން ޖެހޭ ކޮންމެ ހާލަތެއްގައި ބޭނުންކުރަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު