ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި އަނެއްކާވެސް ބައިވެރިވެވަޑައިގެންފިއެވެ.
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިހާރު ހުންނެވީ ރަށު ބަންދުގައެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި ވަނިކޮށް ރައީސް ޔާމީން އުފެއްދެވި އާ ސިޔާސީ ޕާޓީ ޕީއެންއެފްގެ ޖަލްސާއެއްގައި މީގެ ކުރިން ބައިވެރިވެގަތުމާ ގުޅިގެންނާއި ޕީއެންއެފާ ގުޅުމަށް ފޯމުގައި ސޮއިކުރައްވަން އެ އޮފީހަށް ވަޑައިގަތުމުން ކަރެކްޝަންސް އިން އެ މައްސަލަ ވަނީ ބަލައިފައެވެ.
ރައީސް ޔާމީންގެ ޕާޓީ، ޕީއެންފްގެ ފަރާތުން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއެކު އެ ޕާޓީގެ އޮފީހުގައި މިރޭގެ ޖަލްސާ ބާއްވާފައިވަނީ ޖަލްސާގެ ބައިވެރިންނަށް ކެންޑިޑޭޓުންނަށް ސުވާލުތައް ކުރެވޭ ގޮތަށެވެ. އެގޮތުން އެންމެ ގިނަ ސުވާލުތައް ކުރައްވާފައިވަނީ ރައީސް ޔާމީނެވެ.
ޕީއެންފްގެ ފަރާތުން މަޖިލީހުގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނާ ރައީސް ޔާމީން އެކި ސުވާލުތައް ކުރެއްވި އިރު، މީގެ ކުރިން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުން ވެސް ސުވާލުތަކެއް ކުރެއްވިއެވެ.
ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަދައްކަވަނިކޮށް ވެސް ރައީސް ޔާމީން ވަނީ ސުވާލުތަކެއް ކުރައްވައިފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް އިންތިހާބު، މިއަހަރުގެ ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމާ ގުޅޭގޮތުން ސުވާލު ކުރެއްވިއެވެ.
ޖަމީލާ ސުވާލުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ދައުރު ނިމެނީ އަންނަ މެއި މަހުގެ 29 ވަނަ ދުވަހު ކަމަށާއި ގާނޫނަކުން މަޖިލީހުގެ ދައުރު ދެންމުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އާ މަޖިލީހުގެ ދައުރުގެ އެއް މަސްދުވަސް ކުރިން މެންބަރުން ހޮވަން ޖެހޭ ގޮތަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް، މި އަންނަނީ ހާއްސަ ހާލަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ ރަމަޟާން މަހުގެ 29 ނޫނީ 30 ދުވަސް، ސިޔާސީ މަސައްކަތުން އެންމެން ވެސް ބޭނުންވާނެ އަރާމުކޮށްލަން. އަދި ރަމަޟާން މަހުގެ އަޅުކަމައިގެން އުޅެން ހުރިހާ އެންމެންވެސް ބޭނުންވާނެ. އަޅުގަނޑު ސާފުކޮށްލަން ބޭނުންވަނީ ގާނޫނީގޮތުން މި ހާއްސަ ޒަރޫރަތު ނުވަތަ މި ހާއްސަ އެކްސްކިއުޒް އޮތީމައާ އެއްކޮށް، މެއި މަހުގެ ކޮންމެވެސް ހިސާބަކަށް، މިސާލަކަށް މެއި މަހުގެ 15އާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވި، އިންތިހާބުގެ މެންބަރުން ދެއްކިއްޖެ ކަމަށްވަންޏާ، ގާނޫނުގައި މި ބުނާ މައްސަލަ ނޫނީ ގާނޫނުގައި މި ބުނާ މަސްދަރު ފުރިހަމަކުރެވިގެން ނުދޭތޯއޭ. އެއީ މެއި މަހުގެ 29އާ ހަމައަށް މިހާރު އޮތް މަޖިލިސް އޮންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެގޮތަށް އިންތިހާބު ފަސްކުރި ނަމަވެސް، ދެން އޮންނަ ދައުރު ފެށެންވާއިރަށް ތިބޭނީ އާ މަޖިލީހަށް މެންބަރުން އިންތިހާބުވެފައި ކަމަށާއި އެހެންވީމާ ކޮންމެހެން ރަމަޟާން މަހުގެ ތެރޭގައި އިންތިހާބު ނުބާއްވައި ފަރުނުޖެހިގެން މިއުޅެނީ މުއްދަތު ނެތިގެން ކަމަށް މި ދެކެވޭ ވާހަކައަކީ މިއީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއްތޯ ސާފުކޮށްލަން ބޭނުންފުޅުވާ ކަމަށެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޖަމީލު ވިދާޅުވީ އެކަމުގައި ގާނޫނީ ހުރަހެއް އޮތް ކަމަކަށް އީސީން ވެސް އިންކާރު ނުކުރާ ކަމަށާއި އެ ކޮމިޝަނުން ދައްކަނީ މުޅިން އެހެން ހުއްޖަތުތަކެއް ކަމަށެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ބައެއް ބޭފުޅުން ރޯދަމަހަށް އިންތިހާބު ބާއްވަން އެދުމާއި، ސްކޫލު ބަންދާ ދިމާވުން އަދި މީހުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތައް ކުރުން ކަމަށް އީސީން ބުނެފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޭގެ ޖަވާބުގައި ދެންމެ ރައީސް ތި ވިދާޅުވި ގޮތަށް ދެންނެވިން މިއީ ހާއްސަ ކަމެކޭ. މިއީ ކޮންމެ ދުވަހަކުވެސް އަންނަ ކަމެއް ނޫނޭ. ހަގީގަތަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ހާއްސަ ހާލަތެއް ދިމާވެއްޖެ ކަމަށްވާ ނަމަ، އެއަށް ރިއާޔަތް އެބަކުރޭ. އަނެއްކާ ގާނޫނު ފުށުއެރުމެއް ވެސް ނާދޭ. އަޅުގަނޑު ދެކޭގޮތުގައި އިލެކްޝަންސް ކޮމިޝަނަކީ ހަމައެކަނި އިންތިހާބުތައް ބާއްވައި، ތަން ދައްކާ ތަނެއް ވެސް ނޫން. ޑިމޮކްރަސީގެ އެންމެ މުހިންމު ކަމަކީ މީހުންގެ ޕާޓިސިޕޭޝަން. އެހެންވީމާ ވޯޓާ ޓާންއައުޓް ހައި ކުރުމަކީ އަދި މީހުންނަށް އެންމެ ރަނގަޅަށް ވޯޓުގައި ބައިވެރިވެވޭނެ ގޮތަށް ކަންތައްތައް އިންތިޒާމުކުރުމާއި، މީހުން އެވެއާ ކުރުމަކީ ވެސް އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި އޮތް ކަމެއް ނޫންތޯއޭ. އެބޭފުޅުން އެއަކަށް އިންކާރެއް ނުކުރައްވާ،" އޭނާ ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ރޯދަ މަހުގެ ތެރޭ އިންތިހާބު ބާއްވައިފި ނަމަ، ވޯޓުލާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެގެންދާނެކަމުގެ ބިރު އޮތް ކަމަށާއި ސްކޫލު ދުވަހުން ވެސް ގެއްލިގެންދާނީ އެންމެ ދުވަހެއް ކަމުން، އެއީ ވެސް ސަރުކާރާ ވާހަކަދައްކައިގެން ހައްލު ހޯދޭނެ ކަމެއް ކަމަށެވެ. އަދި މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ހަމަޖެއްސޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެބޭފުޅުން އެ ކަންތައްތަކަކަށް އިންކާރެއް ނުކުރައްވާ، ގަބޫލުކުރައްވާ ހަގީގަތުގައި އެބައޮތްކަން. އަނެއް ކަމަކަށް ވަރަށް މުހިންމު ވެގެންދެއޭ ސިޔާސީ ގިނަ ޕާޓީތައް، އަޅުގަނޑަށް ހަބަރު ލިބޭ ގޮތުގައި ސަރުކާރު ހިންގާ ޕާޓީ ނޫން އެހެން ހުރިހާ ޕާޓީއެއް މި ބުރަވަނީ ރޯދަ މަހުގެ ފަހަށް އިންތިހާބު ބާއްވާ ގޮތަށް. ހަމައެކަނި ވަކި ބަޔަކު ދެކޭ ގޮތަށް ބޭއްވީމާ، އިލެކްޝަންސް ކޮމިޝަން ވަކި ފަރާތެއްގެ ނުފޫޒެއްގައި ނުޖެހުމާއި މި ކަންތައްތަކަށް ވެސް ރައްޔިތުން ހަގީގަތުގައި އެބަ ތަސައްވަރު ބަދަލުވެގެންދޭ. ދެން އެބޭފުޅުން ވިދާޅުވި ތިމަންނަމެން އަދިވެސް ތިކަމާ މަޝްވަރާކޮށްލާނަމޭ،" ޖަމީލު ވިދާޅުވިއެވެ.
މިދިޔަ މަހު ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވުމާ ގުޅިގެން، އެމަނިކުފާނަށް ދީފައިވާ ލުއިތައް ރިިވުއުކުރުމަށް ވެސް ވަނީ ނިންމައިފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ކަރެކްޝަންސް އިން ދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު