ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު އާންމުންގެ އަތުން ނަގަމުން އައި ފީ ކަނޑާލަން ނިންމައިފިއެވެ.
ގެވެށި އަނިޔާ ތަހަންމަލު ކުރާ މީހެއްގެ ފަރާތުން އެ އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ ނަމަ، ފެމިލީ ކޯޓުން އެ މައްސަލައެއް ބަލައިގަންނަނީ، 25 ރުފިޔާގެ ފީއެއް ނަގައިފައެވެ.
ނަމަވެސް އެ ފީ ކަނޑާލަން ފެމިލީ ކޯޓުން ނިންމާފައިވާތީ، ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވަނީ އެކަން ފާހަގަކުރައްވައިފައެވެ.
އާ އަހަރު ފުރުމުގެ މުނާސަބަތުގައި، ޝަމީމު އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމުގައި އެކަން ފާހަގަކޮށް ވިދާޅުވެފައިވަނީ، ޕީޖީ އޮފީހުގެ މަސައްކަތުގެ މިއަހަރުގެ އެއް އަމާޒަކީ، ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ހަރުދަނާކުރުން ކަމަށެވެ.
އަނިޔާ ލިބޭ މީހުންނަށް ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ފިލުވައިދީ، ހުރިހާ އިދާރާތައް ގުޅިގެން، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ނިޒާމެއް ގާއިމުކުރުން ކަމަށާއި، މިކަން ކުރިއަށް ގެންދާނެ ގޮތަކާބެހޭ ގޮތުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާ/ޖަމާއަތްތަކާއެކު ނިމިދިޔަ އަހަރުގެ ތެރޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައި، އަމަލީ ގޮތުން ކަންތައްތަކެއް ކުރުމަށް އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވެފައިވެެއެވެ. ދިމާވި އިދާރީ ސަބަބަކާ ހުރެ ފެމިލީ ކޯޓަށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ނުވިޔަސް، އެ ކޯޓުންވެސް މި މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ އިރު، ފެމިލީ ކޯޓުން އެ މައްސަލައެއް ބަލައިގަތުމަށް 25 ރުފިޔާގެ ފީއެއް ދައްކަންޖެހޭ މައްސަލައެއް، މިދެންނެވި ބައްދަލުވުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހުށަހެޅުއްވިއެވެ. އެ ފީ ދައްކަންޖެހެނީވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށްކަމަށްވާތީ، އެކަމަށް އިންޓަނެޓާއި އެނޫންވެސް ވަސީލަތްތައް ބޭނުންވެއެވެ. ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، އާންމުކޮށް ހުންނާނެ ނިކަމެތި ހާލަތަށް ވިސްނައި، މި 25 ރުފިޔާ ނުދައްކާގޮތަށް ބަދަލުކުރުމުގެ މުހިންމުކަމެއްކަމަށް ހުރިހާ އިދާރާތަކަށްވެސް ފެނުނެވެ..،"
އެހެންކަމުން މިކަމާ ބެހޭގޮތުން ފެމިލީ ކޯޓާ ވާހަކަ ދެއްކި އިރު، އެ 25 ރުފިޔާގެ މައްސަލަ ކޯޓުގެ ސަމާލުކަމަށް އައިސްގެން، ފަނޑިޔާރުންގެ މަޖިލީހުން އެ 25 ރުފިޔާ ކަނޑާލަން ނިންމަވާފައިވާ ކަމަށްވެސް ޝަމީމު ވިދާޅުވެފައިވެއެވެ.
"ދެން އޮތީ ތަންފީޒުުކުރުންކަމަށް ވިދާޅުވިއެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން އާންމު ކުރެއްވި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި 25 ރުފިޔާ ދެއްކުމުގެ ވާހަކައެއް ނެތެވެ. މީގެ އިތުރުން، ކުރިން 14 ސަފްހާއަށް އޮތް ފޯމު، މިހާރު އޮތީ ފަސޭހަކޮށްދީ، ހަ ސަފްހާއަށް މަދުކޮށްފައެވެ. މިކަމަށްޓަކައި، ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށާއި ރަޖިސްޓްރާއަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.,"
އެ ފޯމުގެ އެންމެ ހާއްސަ ކަމަކަށް ފެނުނީ، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހެޅެން ނެތް ހާލަތެއް އޮތްނަމަ، އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެނައުމަށް އެދިވަޑައިގެންފައި އޮތް ތަން ކަމަށްވެސް ޝަމީމު ވިދާޅުވެފައިވެއެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ނެތްނަމަ، މީގެކުރިން ފޯމު ބަލައި ނުގަންނަކަންވެސް ފާހަގަ ކުރައްވާފައިވެއެވެ. ނަމަވެސް، ގެވެށި އަނިޔާގެ ރައްކާތެރިކަމަށް އެދޭ މީހާ ހުންނާނެ ހާލަތަށް ރިއާޔަތްކުރާ އިރު، ބައެއްފަހަރު ހުރިހާ ލިޔުންތައް އޭނާގެ އަތުގައި ނެތިދާނެ ކަމަށާއި، އެހެންކަމުން، އެ ކަމަކީ ގާނޫނުގައި ތަސައްވަރުކުރާ ގޮތަށް، އަނިޔާ ލިބޭ މީހާއަށް ފަސޭހަ ނިޒާމެއް ގާއިމުކުރެއްވުމަށް ފެމިލީ ކޯޓުން އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ދެން އޮތީ، އެ ފޯމު ފުރުން އިތުރަށް ފަސޭހަކޮށްދިނުމެވެ. ޕީޖީ އޮފީހަކީ، ހިދުމަތްދިނުމުގައި ޓެކްނޮލޮޖީގެ ދާއިރާގައި އިންވެސްޓްކޮށްގެން އޭގެ ނަފާ ހޯދޭތޯ މަސައްކަތްކުރާ އޮފީހެކެވެ. ވީމާ، އަނިޔާ ލިބޭ މީހާއަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް ދާދި އަވަހަށް ހަމަޖައްސާނަމެވެ. އެ ހިދުމަތަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ކަމަށްވާތީ، ފޯމުގައި ފުރަންޖެހޭ ގިނަ ބައިތައް ހުންނާނީ އޮޓޮމެޓިކުން ފުރާފައެވެ.،" ޝަމީމު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު