މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި، ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ގާނޫނާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅައިގެން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި ޖޫރިމަނާ ފަސްކޮށްދިނުމަށް ސިވިލް ކޯޓުން އަމުރެއް ނުނެރެދިނެވެ.
މާލީ ބަޔާން ހުށަހަނާޅައިގެން ޒަމީލްގެ އިތުރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފާރިސް މައުމޫނުވެސް އީސީން ޖޫއިމަނާ ކުރިއެވެ.
ޒަމީލާއެކު އޭނާގެ އިންތިހާބީ އެޖެންޓް، އަމިއްލަ ދަރިފުޅު އަހުމަދު މަހްރާން ޒަމީލް ވެސް ޖޫރިމަނާ ކުރިއެވެ. ޒަމީލް ޖޫރިމަނާ ކުރީ 20،000 ރުފިޔާއިންނެވެ. މަހްރާން ޖޫރިނަމާ ކުރީ 6،000 ރުފިޔާ އިންނެވެ.
މި މައްސަލައިގައި އެ ފަރާތުން ހުށަހަޅަން ގަސްތު ކުރާ ޖުޑިޝަލް ރިވިއުގެ މައްސަލަ ކޯޓަށް ހުށަހަޅައި އެ މައްސަލައާ މެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން، ޒަމީލާއި މަހްރާން އީސީން ކޮށްފައިވާ ޖޫރިމަނާއަށް އަމަލުކުރުން ފަސްކުރެވިފައިވާ ކަމަށް އީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް، އެ ދެބޭފުޅުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅިގެން ސިވިލް ކޯޓިގެ އިސްގާޒީ މަރިޔަމް ވަހީދު ނިންމެވި ނިންމެވުމުގައި ވިދާޅުވެފައިވަނީ، އީސީން އެ ދެބޭފުޅުން ކޮށްފައިވާ ޖޫރިމަނާއަކީ އެ ކޮމިޝަނަށް ދެއްކިޔަސް، ކޯޓަށް މައްސަލަ ހުށަހަޅައިގެން އީސީއާ ދެކޮޅަށް ކޯޓުން މައްސަލަ ނިމޭ ހާލަތުގައި އަނބުރާ އެ ފަރާތްތަކަށް ލިބިގެންދާނެ ފައިސާއެއް ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓާއި ހައިކޯޓުން ބަޔާންކޮށްފައިވާ އުސޫލުގެ އަލީގައި، މި މައްސަލައަކީ ވަގުތުން ފިޔަވަޅު ނާޅައިފިނަމަ ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް މައްސަލައެއްތޯ ބަލާ އިރު، މިއީ ފައިސާއިން ބަދަލު ދެވިދާނެ ގެއްލުމަކަށްވާތީ، މި މައްސަލައަކީ މައުލޫއީ މައްސަލައެއް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރަކުން އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި މައްސަލައިގައި ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލައިގައި ވަނީ ހުކުމް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު