އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ކޮންމެ ގަޑިއިރަކުވެސް ދެ މަންމައިން މަރުވާ ކަމަށް އދ ގެ އަންހެނުންނާ ބެހޭ އިދާރާއިން ބުނެފިއެވެ.

ގާޒާއިން މިހާތަނަށް 24،700 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ 70 ޕަސަންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ރެކޯޑުތަކުން ދައްކައެވެ. އދ.ގެ އަންހެނުންނާ ބެހޭ އިދާރާއިން އިއްޔެ ބުނީ އެ ރެކޯޑުތަކަށް ބަލާއިރު ކޮންމެ ގަޑިިއަކު ދެ މަންމައިން މަރުވާ ކަމަށް ދައްކާ ކަމަށެވެ.

ރިޕޯޓުގައި އިތުރަށް ބުނީ ހަނގުރާމަ ފެށުނު ފަހުން 3،000 އަށްވުރެ ގިނަ އަންހެނުން ހުވަފަތް ވެފައިވާ ކަމަށާއި މިލިއަނަކަށްވުރެ ގިނަ އަންހެނުންނާއި އަންހެންކުދިން މަގުމަތުވެފައިވާ ކަމަށެވެ.

އދ. ގެ އަންހެނުންނާ ބެހޭ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ސީމާ ބަހޫސް ވިދާޅުވީ ގާޒާއިން މަރުވެފައިވާ މީހުންގެ އަދަދު ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އެ ސަރަހައްދުން މަރުވި މީހުންގެ ތިންގުނަ އިތުރު ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކަށް 100 އަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، ގާޒާގެ އާބާދީގެ ބޮޑު އިންސައްތައެއް މިހާރު ތިބީ ރަފާ ސަރަހައްދުގައި ޓެންޓު ޖަހައިގެންނެވެ.