ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑިޕޯޓް ކުރާނެ ކަމަށް ހޯމް ލޭންޑު ސެކިއުރެޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިދޭސީންނާ ގުޅުން ހުރި ހުރިހާ މުއައްސަސާއެއް ހޯމް ލޭންޑް ސެކިއުރެޓީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައި ކަމަށެވެ.

އެހެންކަމުން ބިދޭސީންގެ މައްސަލަ ހައްލުނުކޮށް ތިބެން ދެން އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތް ކަމަށް އިހުސާން ވިދާޅުވިއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖެއަށް ގެންނަ ބިދޭސީންގެ އެކައުންޓެބިލިޓީ ހަރުދާނެ ކުރާނެ ނިޒާމެއް ގާއިމުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ގަވާއިދާ ހިލާފަށް މިވަގުތު ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ހާއްސަކޮށް ކުށަށް އަރައި ގަންނަ މީހުން ވަގުތުން އަޅުގަނޑުމެން ދިވެހިރާއްޖެއިން މި ޑިޕޯޓްކުރާނަން. މިވަގުތު އަޅުގަނޑުމެން މިހާތަނަށް ހަވާލުވިފަހުން ގާތްގަޑަކަށް 60 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ބޭރަށް ޑީޕޯޓް ކުރެވިފައި،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ޑިޕޯޓްކޮށްލި މީހުންގެ ތެރޭގައި ކުށްތަކަށް އަރައިގަތް މީހުން ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނަށް ވޮލަންޓިއަރީކޮށް، ރާއްޖެއިން ފުރައިގެން ދިޔުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. މިހާރު ނިޒާމު އޮތްގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވޮލަންޓިއަރީކޮށް ރާއްޖެއިން ދިޔުމަށް ދަތިތަކެއް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ މީހުން އައިސް އަޅުގަނޑުމެންނަށް ޑިކްލެއާކޮށްފައި އަޅުގަނޑުމެންގެ ފެސިލިޓީއެއްގެ މަޑުކޮށްފައި، އަޅުގަނޑުމެންގެ އަތުގައި ހުރި ޑިޕޮސިޓް ފައިސާއިން އެ މީހުންނަށް ޓިކެޓް ނަގައިދީފައި، އަމިއްލަޔަށް ރާއްޖެ ދޫކޮށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނަން،" އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސިންނަކީ ހާލުގައި ޖެހިފައިވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހައްޔަރުކޮށް، ބެލުމުގެ ދަށަށް ގެނެސް، އެކައުންޓެބިލިޓީކޮށް، އެ މީހުން ރާއްޖެއިން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު ތިބި ހުރިހާ ބިދޭސީން ފިންގާޕްރިންޓް ލެވެލްއަށް އައިޑެންޓިފައި ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފިންގާޕްރިންޓް ނަގައި، އެ މީހުންނަކީ ގާނޫނު އިމުގެ ތެރެއަށް ވެއްދިފައިވާ ބައެއްކަން ކަށަވަރުކުރުން ކަމަށް އިހުސާން ވިދާޅުވިއެވެ.