ހުއްދަނެތި އުމްރާއަށް މީހުން ގެންދާ ދެ ގްރޫޕަކާ މެދު ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް ހުއްދަނެތި ބައެއް ކުންފުނިތަކުން އުމްރާއަށް މީހުން ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.

"އަލް މަޝްއަރު ހައްޖު އުމްރާ ކުންފުންޏާއި ވަޑި ހައްޖު އެންޑް އުމްރާ މި ދެ ކުންފުނިން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް މި މިނިސްޓްރީގެ ހުއްދަ ނެތި އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށްޓަކައި، އިއުލާނުކޮށް ފައިސާ ނަގަމުންދާކަން ސޯޝަލް މީޑިއާގެ ވަސީލަތްތަކުން މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ މަނާކަމެއް ކަމުގައިވާތީ މިކަން މިގޮތަށް ނުކުރުމަށާއި، މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ނުދެއްކުމަށް އިލްތިމާސްކުރަމެވެ..،" މިނިސްޓްރީން ބުންޏެވެ.

ހުއްދަނެތި، ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަކީ، އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން މަނާކަމެއް ކަމަށާއި އެހެންކަމުން މިނިސްޓްރީގެ ހުއްދަނެތި، އެއްވެސް ގްރޫޕަކުން މީހުން އުމްރާއަށް ގެންގޮސްގެން ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ކުންފުނިތަކަށް މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދޫކުރަނީ ދެ އަހަރަކަށް ކަމަށާއި، އެ ހުއްދަ ނެތި ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ އުސޫލާ ހިލާފު ކަމެއް ކަމަށެވެ.

އެ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ ނަގަންވާނީ، އެ ފަރާތްތަކުން ކަމަށް މިނިސްޓްރީން ބުންޏެވެ.