ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" މެދުވެރިކޮށް ހުށަހެޅޭ ގޮތް، ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައިވާ، ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި މިނިސްޓްރީއާ ގުޅިގެން "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލު ގެނައުމަށް ހުށަހެޅުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

"ވަންގަވް" މެދުވެރިކޮށް އެ ހިދުމަތަށް އެދެވޭނީ https://one.gov.mv/ އަށް ވަނުމަށްފަހު، އީފާސް ލޮގިން ބޭނުންކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

"ވަންގަވް" އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ފަސޭހަކަމާއެކު، ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހެދި ޕްލެޓްފޯމެކެވެ. އެ ފްލެޓްފޯމް އިފުތިތާހުކޮށްފައިވަނީ 2023، ޖުލައި 10 ގައި، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެ ޕްލެޓްފޯމުގެ މަސައްކަތް ކުރިއަށްގެންދަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން، ޓްރޭޑްނެޓް ކޯޕަރޭޝަން މެދުވެރިކޮށެވެ.