ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ކާގޯ ޓާމިނަލް އިތުރަށް ބޮޑުކޮށް، ތިންލައްކަ ޓަނަށް ކެޕޭސިޓީ އިތުރުކުރުން ކަމަށް އިކޮނިމިކް މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު އެހެން ވިދާޅުވީ 120،000 ޓަނު ހޭންޑް ކުރެވޭ ގޮތަށް ޒަމާނީ ފެންވަރަށް ހެދި އާ ކާގޯ ޓާމިނަލް ހުޅުވުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސައީދު ވިދާޅުވީ ރައީސް ބޭނުންފުޅުވަނީ މިހާރުން މިހާރަށްވެސް އެ މަސައްކަތް ފެށުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކާގޯ ޓާމިނަލް ތިން ލައްކަ ޓަނު ހޭންޑްލް ކުރެވޭ ގޮތަށް ބޮޑުކުރާނީ ހަމައެކަނި އިންފްރާސްޓްރަކްޗާ ނޫން ކަމަށާއި އެ ތަން ތަރައްގީކުރާ އިރު، އެއާ ކާގޯ އަންނާނެ ގޮތް ފަހިކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މި ވާހަކަ ދައްކަމުންދާ އިރު، މި ސަރަހައްދުގެ އެންމެ ބޮޑު ކާގޯ އިކޮނިމިކް ޒޯނުން އަޅުގަނޑުމެންނަށް އެބައޮތް ކޮންމެވެސް ޒާތެއްގެ އެއްބަސްވުމެއް، އެ ބޭފުޅުން ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ގޮތުގެ މަގުޗާޓެއް،" ސައީދު ވިދާޅުވިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން އުފެއްދުމާއެކު އެފަދަ ދައުވަތުތައް ލިބެންމުންދާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އަދި ކާގޯ ޓާމިނަލް އިތުރަށް ބޮޑުކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ޓްރޭޑު ޑެފިސިޓަށް ހައްލެއް ހޯދުމަށް ރައީސަކަށް ނިންމެވޭނެ އެންމެ ޕްރެކްޓިކަލް އަދި އެންމެ ވިޝަނަރީ ނިންމެވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ހުޅުވި ކާގޯ ޓާމިނަލުން 120،000 ޓަނު ހޭންޑްލްކުރެވޭ އިރު، މީގެ ކުރިން އެ ޓާމިނަލް ހޭންޑް ކުރެވެނީ 50،000 ޓަނެވެ. ނަމަވެސް އެ ޓާމިނަލް އޯވާލޯޑުވެ، 75،000 ޓަނު ހޭންޑް ކުރަމުން ދިޔަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް)ގެ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

ދާދި ފަހުން ރައީސް މުއިއްޒު ވަނީ 25 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ގޮތަށް ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއެއްވެސް އިފުތިތާހު ކޮށްދެއްވައިފައެވެ.