ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރެއްވި އައިޝަތު އާޒިމާ ޝަކޫރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 4.1 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅުމުން ބަލައެއް ނުގަންނަން ނިންމައިފިއެވެ.
އާޒިމާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.
އެމްއައިބީއަށް 4.1 މިލިއަން ރުފިޔާ ދައްކަން އާޒިމާގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކުރީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީން އާޒިމާ ނަންގަވާފައިވާ ތިން މިލިއަން ރުފިޔާގެ ލޯނެއް، އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދާ ކަމަށް ބުނެ، އެމްއައިބީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައެވެ. މި މައްސަލައިގައި މިމަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ އާޒިމާގެ ގައިރު ހާޒިރުގައެވެ.
މި ދައުވާގައި ބުނެފައިވަނީ، ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީން އާޒިމާއަށް ތިން މިލިއަން ރުފިޔާގެ ލޯނެއް ދީފައިވާ ކަމަށާއި ނަމަވެސް އެ ލޯނަށް ގަވާއިދުން ފައިސާ ދައްކަމުން ގޮސްފައި ނުވާތީ، ހަތަރު މިލިއަން ރުފިޔާ އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންވެ، އެ ފައިސާ ކުރިއަށް އޮތް ހަ މަސް ތެރޭ މަހުން މަހަށް ދައްކައި ނިންމުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. އެ ފައިސާ ދައްކައި ނިމެންދެން ރަހުނު ކޮށްފައިވާ ފުލެޓް އިސްލާމިކް ބޭންކުގައި ރަހުނެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށްވެސް ހުކުމުގައިވެއެވެ.
އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ބަލައި ނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފައެވެ.
ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ނިންމެވި ނިންމެވުމުގައި ވަނީ، މަދަނީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ގައިރު ހާޒިރުގައިކުރާ ހުކުމް ބާތިލުކުރަން، ނުވަތަ ބަދަލު ކުރަން އެ ހުކުމެއް ކުރި ކޯޓަކަށް ހުށަހެޅިދާނެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުންނާއި، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން މަަދަނީ އިޖުރާއަތުގެ ގާނޫނާއި އެ ގަވާއިދަށް ހަވާލާދީ، އެ މައްސަލަ ހައި ކޯޓަށް ބަލައިގަނެވެން ނެތްކަމަށް އަންގާ ކަމަށްވެސް އެ ނިންމުމުގައި ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު