މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަނާ ގުޅިގެން އެ ކޮމިޝަނަށް ލިބުނީ ހަތް ޝަކުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް "ވަން" އަށް މިއަދު ވިދާޅުވީ، އެ ކޮމިޝަނަށް ހުށަހެޅިފައިވަނީ އެންޓި ކެމްޕެއިން ކުރުމާ ގުޅޭ ޝަކުވާތަކަކާއި ރަޖިސްޓްރީއާ ގުޅޭ ޝަކުވާތަކެއް ކަމަށެވެ.

"އިންތިހާބުގެ ނަތީޖާއަށް އަސަރު ފޯރަފާނެ ކަހަލަ އެއްވެސް ޝަކުވާއެއް ނުލިބޭ" ހަބީބް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ބައި-އިލެކްޝަންގައި މާލެއަށް މޭޔަރަކު އިންތިހާބުކުރުމާއި މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓުލުން ކުރިއަށް ގެންދިޔައެވެ.

މޭޔަރުކަމަށް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. ހެންވޭރު ދެކުނާއި މާފަންނު ދެކުނު ދާއިރާ ކާމިޔާބުކުރީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއިންނެވެ. އެމްޑީޕީން ކާމިޔާބުކުރީ މެދު ހެންވޭރު ދާއިރާއެވެ.

މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި ވޯޓު ލުމުގެ ހައްގު 54،680 މީހުންނަށް ލިބުނު އިރު ވޯޓު ލާފައިވަނީ 17،442 މީހުންނެވެ.