މިއަހަރުގެ ހޫނުގަދަ މޫސުމަށް ތައްޔާރުވުމަށްޓަކައި، ސްޓެލްކޯއިން ދެ ޖަނަރޭޓަރު ގެނެސްފިއެެވެ.

ސްޓެލްކޯ އިން އިއްޔެ ބުނީ، ޕީކް ސީޒަނަށް ތައްޔާރުވުމަށް ގެނައުމަށް ހަމަޖެހިފައިވާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓް ރާއްޖެ ގެނެވި ބެހެއްޓުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

ހޫނުގަދަ މޫސުމުގެ ކުރިން އޭގެ އިތުރު ދެ ޖަނަރޭޓަރު ސެޓާއެކު ޖުމުލަ 6.4 މެގަވޮޓް ސްޓެލްކޯގެ ޕަވާ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވޭނެ ކަމަށާއި ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއެކު، މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނި އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށާއި އެ ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުންމީދާއި، ރޫހު އަބަދުވެސް ހުންނާނީ އެ މަގަށް ކަމަށެވެ. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސްޓެލްކޯގެ މެނޭޖްމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޕަވާ ޕްރޮޖެކްޓް، ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތަށް އެ ކުންފުނިން ގެންނާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ކުރިއަށް އޮތް ހޫނު މޫސުމަށް ސްޓެލްކޯ އިން ވަމުން އަންނަ ތައްޔާރީތަކަށް އަލިއަޅުއްވައިލައްވަމުން އެ ކުންފުނީގެ މާލެ ޕަވާހައުސްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއާ އިބްރާހިމް ޝަޖީއު އަބްދުލް ޝަހީދު ވިދާޅުވީ، ޕީކް ސިޒަނަށް ތައްޔާރުވުމަށް ސްޓެލްކޯ އިންޖީނުތައް އޯވާހޯލް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާ ކަމަށެވެ.

"އެއީ މާލޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޖަނަރޭޓަރު، ދެވަނަ އޯވާހޯލް މިހާރު ހިންގަމުންދަނީ. ގާތްގަނޑަކަށް އެސްޓިމޭޓް ކުރަނީ ކުރިއަށްއޮތް 25 ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް. ހޫނު މޫސުމަށް ބޭނުންވާނެ. އެހެންވީމަ އޭގެ މަސައްކަތް ފެށީ އިއްޔެ. 25 ދުވަސްތެރޭ އޮންލައިންކޮށް އޭގެ ހިދުމަތް ރައްޔިތުންނަށް ދިނުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުން،" ޝަޖީއު ވިދާޅުވިއެވެ.

ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު ބޮޑުތަނުން މައްޗަށްދާކަން މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.