އިއްޔެ ބޭއްވި ފަސް ބައި އިލެކްޝަނުން ތިން ގޮނޑި، ވެރިކަން ކުރަ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
- މާލޭ ސިޓީ ކައުންސިލުގެ މޭޔަރު
- މާލޭ ސިޓީ ކައުންސިލުގެ ހެންވޭރު ދެކުނު ދާއިރާ
- މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ
- މާލޭ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާ
- މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
މާލޭ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު 7،621 ވޯޓާއެކު ކާމިޔާބު ކުރީ އެމްޑީޕީގެ މެންބަރު އާދަމް އާޒިމެވެ. އެ އިންތިހާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝަކޫރެވެ. މޭޔަރު ހޮވުމަށް ވޯޓު ލުމުގެ ހައްގު ލިބޭ 54،680 މީހުންގެ ތެރެއިން ވޯޓު ލީ 17،410 މީހުންނެވެ.
މާލޭ ސިޓީ ކައުންސިލުގެ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު ރިޝްފާ އަހުމަދެވެ. އޭނާ އެ ގޮނޑި ކާމިޔާބުކުރެއްވީ 411 ވޯޓާއެކުއެވެ. މާފަންނު ދެކުނު ދާއިރާގެ ގޮނޑިވެސް ޕީއެންސީއަށް ލިބުނު އިރު، 383 ވޯޓާއެކު އެ ގޮނޑި ކާމިޔާބު ކުރެއްވީ ހަސަން ނިޒާމެވެ.
މާލޭ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ ގޮނޑި، 320 ވޯޓާއެކު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑީޑޭޓު އަހުމަދު ރިލްވާން ރަޝީދެވެ.
އޭގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަންވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓަށެވެ. ޒައީމާ އަބްދުއްރަޝީދު އެ ގޮނޑި ކާމިޔާބު ކުރީ 243 ވޯޓާއެކުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު