ތިލަފުށި ހިއްކުމަށް ހިންގާ މަޝްރޫއުގެ މަސައްކަތްތައް ހިންގަމުންދަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށާއި ފަޅުތެރެއިން އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާނީ ވެސް އެ އުޅަނދުތައް ނެގުމަށް ގިނަ މުހުލަތުތަކެއް ދިނުމަށްފަހު ކަމަށް އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން މިހާރު ދަނީ ތިލަފުށި ހިއްކުމަށް ހިންގާ މަޝްރޫއުގެ ދަށުން ފަޅުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެ މަސައްކަތަކީ ރާއްޖޭގެ އިގުތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީވެ، މާސްޓާ ޕްލޭނާ އެއްގޮތަށް ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކުން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އާބަންކޯ އިން ބުނެއެވެ.

ތިލަފުށި ހިއްކުމުގެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ސަރުކާރާ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރާ ފަރާތްތަކަށް ތިލަފުށީގެ ޝޯލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ދާ ގޮތަށް، ތިލަފުށީގެ ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ފަޅުތެރެ ހިއްކުމުގެ މަސައްކަތަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގައި، ފުލުހުންގެ އެހީތެރިކަމާއެކު ބާރުގެ ބޭނުންކޮށް އެ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޝްރޫއު ހުއްޓާލާފައިވާ ކަމަށްބުނެ ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެ މަޝްރޫއަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

މިހާރު ތިލަފުށީގެ ފަޅުގެ ބައެއް ހިއްކުމުގެ މަސައްކަތްކުރަމުންދާ އިރު، ތަކުރާރުކޮށް އެކިފަހަރު މަތިން އެ ކުންފުނިން ވާނީ އާންމުކޮށް އިއުލާންކުރެވި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ވަކިވަކިން އުޅަނދުތަކަށް ވެސް ނޯޓިސް ދީފައި ކަމަށް އާބަންކޯ އިން ބުންޏެވެ. އެގޮތުން އާބަންކޯ އިން ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ނުވަވަނަ ދުވަހާއި އޭޕްރީލް މަހުގެ ނުވަވަނަ ދުވަހާއި އެ މަހުގެ 27 ވަނަ ދުވަސް އަދި މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެ އިއުލާންތައް ކޮށްފައެވެ.

"މި މަސައްކަތް ކުރެވެމުންދަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމާބެހޭ ވުޒާރާތަކާ ގުޅިގެންނެވެ. އަދި ހުރިހާ އުޅަނދުތަކަށް ވެސް އެބޭފުޅުން އަމިއްލައަށް އުޅަނދުތައް ނެގުމަށް ގިނަ މުހުލަތުތަކެއް ދެވިފައިވާ އިރު، މި ކޯޕަރޭޝަންގެ ފަރާތުން އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށުމުގެ ކުރިން ވާނީ އެކަން އަންގައި ނޯޓިސް ދެވިފައެވެ..،" އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން އިތުރަށް ބުނީ އުޅަނދުތައް ނެގުމަށް ހާއްސަ އުސޫލެއް ކަނޑައަޅައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާނީ މިދިޔަ އަހަރުގެ މާޗް މަހުގެ ނުވަވަނަ ދުވަހު ކަމަށާއި އެހެންކަމުން އެ މަސައްކަތްކުރަމުން ދަނީ އުސޫލާ ވެސް އެއްގޮތަށް ކަމަށެވެ.