އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްގެ އެންޓި ކެމްޕެއިން ސަރުކާރުން ކުރަމުންދާ ކަމަށާއި ބައެއް ރައްޔިތުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށް ވެސް އާޒިމްގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމްގެ ކެމްޕެއިން ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ، ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ސަރުކާރުން ޖަވާބުދާރީވެފައި ނުވުމުން އެއީ ހަގީގަތެއްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އާޒިމްގެ ކެމްޕެއިނަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ކަހަލަގެ ތްރެޓްސް އެބަ ދެއްވާ. އެއީ ވަކި ބޭފުޅަކު ނުހޮވައިފިނަމަ މާލޭގައި ކުރަން ހުންނަ ކަންތައްތަކަށް ދަތިތަކެއް އަންނާނެއޭ. މި ކަހަލަ ކަންތައްތަކަށް ދަތި އަންނާނެއޭ ވިދާޅުވާ ވާހަކައަކީ އާދަމް އާޒިމްގެ މިއަދުގެ ސްޓްރެންތު" ހާލިދު ވިދާޅުވިއެވެ.

ހާލިދު ވިދާޅުވީ، އެހެން ކެންޑިޑޭޓުންގެ މެނިފެސްޓޯގައިވެސް ހުރީ އާޒިމްގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ކަމަށާއި އާޒިމްގެ ތަސައްވަރަކީ މާލެއަށް ބޮޑު ބަދަލެއް ގެނެސްދެއްވުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމްގެ ކެމްޕެއިން ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ޓީވީ ޗެނަލް (ސަންގު) އިން އާޒިމަށް އެންޓި-ކެމްޕެއިން ކޮށްފައިވާ ކަމަށެވެ.

"އެމްޑީޕީގެ ކެންޑިޑޭޓުގެ ފަރާތުން އެ ބަހުސްގައި ބައިވެރިވުމަށް ދެއްވި ދައުވަތާމެދު އެ ޓީވީއަށް ދެއްވި ޖަވާބު ވާނީ ލިޔުމުން ތަފްސީލްކޮށްދީފައި. އެހެން ބަޔާންކޮށްފައި ވަނިކޮށްވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރާ ބީދައިން ކަންތައް ކުރުމަކީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އެއީ ލިބުނު ދެރައެއް" އަނަސް ވިދާޅުވިއެވެ.

ސަންގު ބަހުސްގައި އާޒިމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ޕީއެސްއެމް ބަހުސްގައި އާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އާޒިމްގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި އާޒިމްގެ ކެމްޕެއިން ނިންމާލުމުގެ ޖަލްސާ މިރޭ 8:45 އިން 11:00 އަށް ސަލްޓަން ޕާކުގައި އޮންނާނެއެވެ. އަދި މާދަމާވެސް ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވާފައިވާއިރު އެންމެ ފަހުކަމަށް އޮންނާނީ މާދަމާ ހަވީރު ބޮޑިބަތް ޕާކުގައި އޮންނަ ހަވީރުގެ ސައިފޮދެވެ.