ސިނަމާލެ ބުރިޖުމަތީ ސޯލާ ޕެނަލްތައް ނެތަސް، މާލެސަރަހައްދަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދޭނެކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނީގެ ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގް ޖެނެރަލް މެނޭޖަރު އަބްދުލް މާލިކް ތައުފީގު މިހެން ވިދާލުވީ، ދޮންއަނދަރާދަ ހިނގުން ހުޅުވާލުމަށް ކުރާ މަސައްކަތްތައް އިއްޔެ ނޫސްވެރީންނަށް ދައްކާލުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ސިނަމާލެ ބުރިޖުގެ ހައިވޭގައި ކުރީގެ ސަރުކާރުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނެގުމުގެ މަޝްވަރާތައް އެންވަޔަރަމަންޓް މިނިސްޓްރީން ފެށީ މިދިޔަ ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހުގައެވެ. ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގައި ދެ ރަށަކަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް އެތަނުން ސޯލާ ޕެނަލްތައް ނެގިނަމަވެސް، މިހާރު ކުރިއަށްގެންދާ ފަސްވަނަ ޕަވާޕްރޮޖެކްޓް ނިންމައި ދެން ފަށަން ހަމަޖެހިފައިވާ ހަ ވަނަ ޕަވާ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންގޮސް، ކުރިއަށް އޮތް ފަސް އަހަރު 100 މެގަވޯލްޓްގެ ޕަވަޕްރޮޖެކް ގާއިމުކުރުމުގެ މަސައްކަތް ނިމުމުން، މާލެ ރީޖަންއަށް އިތުރު ޕަވާ ޕްރޮޖެކްޓެއް ހިންގުމުގެ މަސަައްކަތް ކުރަން ނުޖެހޭނެކަމަށް ތައުފީގު ވިދާޅުވިއެވެ.

"ހުޅުމާލޭގައި 6 އިންޖީނު ހުރި އިރު އެ އިންޖީނުތަކުން އުފައްދަމުންގެންދިޔައީ 42 މެގަވޯލްޓް. އެހެންނަމަވެސް ހުޅުމާލެއަށް ކޮންސިއުމްކުރަނީ 17 މެގަވޯލްޓް. އޭގެ މާނަޔަކީ ބާކީ ބަޔަކީ މާލެއިން ފޯރުކޮށްދޭ ކަރަންޓު. ގާކޮށީގައި ހުރި އިންޖީނުތައް ރިމޫވްކުރި. އެހެންކަމުން މާލޭގައި ކަރަންޓު އުފައްދާ ކެޕޭސިޓީ ދަށްވާނެ. މާލޭގައި މިވަގުތަކުނެތް އިތުރު ޕަވާ ޕްލާންޓެއް އެޅޭކަށް، އެހެންވީމަ ސްޓެލްކޯގެ އެކްސްޕެންޝަން ކަރަންޓުވެސް ގެންދަން ޖެހެނީ ބިންބޮޑު ހުޅުމާލެ ކަހަލަ ސަރަހައްދަކަށް ޖާގަ ލިބޭ މީހުންނާއި ދުރު އިންޑަސްޓްރިއަލް ސަރަހައްދަކަށް އެހެންކަމުން ދެން އޮތް ޕްރޮޖެކްޓްވެސް މިހާރު ވާނީ ހުޅުމާލޭގައި ހުރި ޕަވަޕްލާންޓްއާއި އިންވެގެން ހުރިގޮތަށް ހަދަން ނިންމާފައި" ކަމަށް ތައުފީގު ވިދާޅުވިއެވެ.

ކުރިއަށް އޮތް ހޫނު މޫސުމަށް ސްޓެލްކޯއިން ކުރަމުން އަންނަ ތައްޔާރީތަކަށް އަލިއަޅުވާލަމުން އެ ކުންފުނީގެ މާލެ ޕަވަހައުސްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއާ އިބްރާހިމް ޝަޖީއު އަބްދުލް ޝަހީދު ވިދާޅުވީ، ޕީކް ސިޒަނަށް ތައްޔާރުވުމަށް ސްޓެލްކޯ އިންޖީންތައް އޯވާހޯލް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާކަމުގައެވެ.

"އެއީ މާލޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުތަކުގެތެރެއިން އެންމެ ބޮޑު އެއް ޖަނަރޭޓަރު. ދެވަނަ އޯވާހޯލް މިހާރު ހިންގަމުންދަނީ. ގާތްގަނޑަކަށް އެސްޓިމޭޓް ކުރަނީ ކުރިއަށް އޮތް 25 ދުވަސްތެރޭ ނިންމާލެވޭނެކަމަށް. ހޫނު މޫސުމަށް ބޭނުންވާނެ. އެހެންވީމަ އޭގެ މަސައްކަތް ފެށީ އިއްޔެ. 25 ދުވަސްތެރޭ އޮންލައިންކޮށް އޭގެ ހިދުމަތް ރައްޔިތުންނަށް ދިނުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުން" ކަމަށް ޝަޖީއު ވިދާޅުވިއެވެ.

"މާލެ ހުޅުމާލެ އަދި ހުޅުލާގެ ކަރަންޓުގެ ވިއުގަ ވަނީ ގުޅާލާފަ. މިހާރު ގުޅިފައިވަނީ 5.6 މެގާވޯލްޓްގެ ސޯލާ ސިސްޓަމްސް. އެއީ ސިނަމާލެ ބްރިޖް ލިންކް ރޯޑުގައި ހަރުކޮށްފައިވާ ސޯލާ. ސޯލާއިން އުފައްދަނީ 234 ކިލޯވޯޓުގެ ކަރަންޓު. މިއަދު ވިއްސާރަ ދުވަހެއް ނަމަވެސް އެންމެ މަތީ ވޯލްޓް 1.5 މަތީ ވޯލްޓްވެސް އުފައްދާފަ. ޑީސަލްވިޔަސް ސޯލާވިޔަސް ހުރިހާ ވޯލްޓެއްގެ ކަރަންޓު އުފައްދާ މިންވަރު ދާނީ ފެންނަމުން" ކަމަށްވެސް ޝަޖީއު ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖުގެ ހައިވޭގައި ކުރީގެ ސަރުކާރުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ހުރުމުން، ސޯލާޕެނަލްތަކުގެ ސަބަބުން ޑީސަލް ޖެނެރޭޓަރުތައް ގަތުން ފަސްކޮށްލެވޭނެ ކަމަށާއި، ނަމަވެސް ވިއްސާރަ ދުވަހެއްގައި ކަރަންޓު އުފައްދާ މިންވަރު 5600 ކިލޯވޯޓުގެ ސިސްޓަމަކުން މިހާރު ލިބެނީ 144 ކިލޯވޯޓްކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމަ އެހާ ރިލައިބަލް ސިސްޓަމެއް ނޫން ރައްޔިތުންނަށް ލިބެނިކީ. ވިއްސާރަ ދުވަހެއް ނަމަވެސް ރައްޔިތުން ކަރަންޓު ބޭނުންކުރާ މިންވަރު މަދެއް ނުވާނެ. އެހެންކަމުން ސޯލާއިން މި ވަގުތު ލިބޭނީ ވަރަށް ކުޑަ މިންވަރެއް، ކަރަންޓު ކެޕޭސިޓީ އިތުރުކުރަން އިތުރު އިންވެސްޓްތައް ކުރަން ޖެހޭ" ކަމަށް ޝަޖީއު ވިދާޅުވިއެވެ.

" އެހެންވީމަ އަބަދުވެސް ސްޓެލްކޯއިން ތިބޭނީ އެކަމަށް ހޭލާ. ރެޑީވެގެން. މިހާރުދަނީ ހުޅުމާލޭގައި މަސައްކަތްތައް ކުރިއަށް" ކަމަށާއި ސިނަމާލެ ބްރިޖުމަތީ ހަދާފައި ހުރި ސޯލަ ޕެނަލްތައް ނެގުމުންވެސް ސޯޓޭޖް ނުވާނެ ކަމަށް ވެސް ތައުފީގު ވިދާޅުވިއެވެ.