ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅަން ހުޅުވާލާނީ ޖެނުއަރީ 30ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް ފުރުސަތު އޮންނާނީ މި މަހުގެ 30 އިން އަންނަ މަހުގެ 14 ގެ ނިޔަލަށް ކަމަށެވެ.

މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އީސީއިން ނިންމާފައި ވަނީ މާޗު 17 ވަނަ ދުވަހު އެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބެވި ނަމަވެސް، 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ އެވެ.

އީސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށް ޝަކުވާއަށް ހުޅުވާލައިފައެވެ. އެ ލިސްޓުގައިވާ ގޮތުން 284،327 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.