ލުބުނާނަކީ ފަލަސްތީނެއް ނޫނެވެ. އެހެންނަމަވެސް ލުބުނާނުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ އަދަދު ވަރަށް ގިނައެވެ. އަންދާޒާ ކުރެވިފައިވާ ގޮތުން ފަލަސްތީނުގެ ތިންލައްކައެއްހާ މީހުން ލުބުނާނުގައި ދިރިއުޅެއެވެ. މި އެންމެންނަކީވެސް ހަނގުރާމައިގެ ސަބަބުން ގެދޮރު ގެެއްލި ވަޒަނުން ބޭރުވެފައިވާ ރެފިއުޖީންނެވެ. ކޮންމެވެސް ދުވަހަކުން އެނބުރި ވަޒަނަށް ރުޖޫއަވުމަށް އުންމީދުކުރާ މީހުންނެވެ. ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅެނީ ލުބްނާނުގެ އެކި ކަންކޮޅުތަކުގައިވާ ބާރަ ކޭމްޕެއްގައެވެ. އެންމެ ފުރަތަމަ ފަލަސްތީނުގެ ރެފިއުޖީން ލުބުނާނަށް ދިޔައީ އިޒްރޭލް ވުޖޫދުވުމާއެކު ފަލަސްތީނު މީހުން ވަޒަނުން ބޭރުކުރުމަށް 1948 ވަނަ އަހަރު ހިންގި ޖަރީމާތަކާ ގުޅިގެންނެވެ. ނަކްބާގެ ތެރޭގައެވެ. އެދުވަސްވަރު އެކަނިވެސް ފަލަސްތީނުގެ 8 ލައްކަ މީހުން ރަށުން ނެރެ ފައްސައިލެވުނެވެ. މީގެތެރެއިން ބައެއް މީހުން ދިޔައީ ލުބުނާނަށެވެ. އޭގެފަހުންވެސް އެކިފަހަރު މަތިން ރެފިއުޖީން އައީ އިތުރުވަމުންނެވެ.
ލުބުނާނުގައި ދިރިއުޅުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ވަކި ފަސޭހަކަމެއް ނޫނެވެ. ލުބުނާނުގެ ތެރޭގައިވެސް އެމީހުންނަށް އުފުލާންޖެހޭ ތަކުލީފުތައް ގިނަގުނައެވެ. ތަފާތުކުރުންތައް ބޮޑެވެ. ދޭތެރެ ދޭތެރެއިން އިޒްރޭލުގެ ހަމަލާތައްވެސް ދަނީ އަމާޒުވަމުންނެވެ. ލުބުނާނުގައިވާ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުތަކުގެ މައްޗަށް ލުބުނާނުގެ ސަރުކާރާއި ސިފައިންގެ ބާރެއް ނުފޯރައެވެ. އެތަންތަނުގެ މައްޗަށް 1969 ވަނަ އަހަރުން ފެށިގެން އޮތީ ފަލަސްތީނުގެ ހަތިޔާރުއެޅި އެކި ޖަމާއަތްތަކުގެ ބާރެވެ. މިދެންނެވި ޖަމާއަތްތަކުގެ މެދުގައިވެސް ދޭތެރެ ދޭތެރެއިން ބޮޑެތި ކުރިމަތިލުންތައް ހިނގައެވެ. މި ކޭމްޕްތަކަކީ ފަލަސްތީނުގެ އެކި ޖަމާއަތްތަކަށް މެންބަރުން ވެއްދުމާއި ބައިވެރިކުރުމުގެ މަރުކަޒުތަކެކެވެ. ގިނަފަހަރަށް އެކި ޖަމާއަތްތަކުގެ މެދުގައި ކުރިމަތިލުންތައް ފެށެނީ މިދެންނެވި މަސައްކަތުގައި އުފެދޭ ވާދަވެރިކަމުގެ ސަބަބުންނެވެ. ލުބުނާނުގައިވާ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ މީހުންގެ ހަގީގީ އަދަދު ދެނެގަތުމަކީވެސް ފަސޭހަކަމެއް ނޫނެވެ.
ލުބުނާނުގެ ރަސްމީ އިދާރާތަކުން ބުނަނީ ދެލައްކަ ކަމުގައެވެ. އެކަމަކު އދ.ގެ ރެފިއުޖީންނާބެހޭ އިދާރާއިން ބުނަނީ ތިންލައްކަ ކަމުގައެވެ. ލުބުނާނުގައި މިހާރު ދިރިއުޅުނަސް އަދި ނޫޅުނަސް އދ. ގެ ރެފިއުޖީންނާބެހޭ ދަފުތަރުގައި ބައިމިލިޔަން މީހުން ރަޖިސްޓްރީވެފައި ތިބީ ލުބުނާނުގައި ދިރިއުޅޭ މީހުންގެ ގޮތުގައެވެ. ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅެމުންދާ ހަމައެކަނި ގައުމަކީ ލުބުނާނެއް ނޫނެވެ. ޖޯޑަން، ސީރިޔާ، މިސްރު އަދި ގަލްފުގެ ގައުމުތަކުގައިވެސް ފަލަސްތީނުގެ ރެފިއުޖީން އެބަތިއްބެވެ. އެންމެ ގިނަ އަދަދެއްގެ ރެފިއުޖީން ތިބީ ޖޯޑަންގައެވެ. އެތަންތަނާއި ލުބުނާނުގެ ތަފާތަކީ ރެފިއުޖީ ކޭމްޕުތަކުގެ މައްޗަށް އެގައުމުތަކުގެ ފުރިހަމަ ކޮންޓްރޯލް އޮތުމެވެ. ލުބުނާނުގެ ސަރުކާރަށް އެ ކޮންޓްރޯލް ނެތުމެވެ. އެހެން މެދުވެރިވެފައިވާ ސަބަބަކީ ލުބުނާނުގެ ސަލާމަތީ ބާރުތަކާއި ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތަކުގެ މެދުގައި 1969 ގައި ގާއިމް ކުރެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމަކީ ދެފަރާތުގެ މެދުގައި ކުރިމަތިލުންތައް އިތުރުވެ ލުބުނާނަށް ލިބޭ ގެއްލުންތައް ބޮޑުވީމާ މިސްރުގެ ވެރިރަށް ގާހިރާގައި ލުބުނާނާއި ޕީއެލްއޯއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެއްބަސްވުމުގައިވާ ގޮތުން ލުބުނާނުގައިވާ ފަލަސްތީނުގެ ކޭމްޕުތަކަށް ލުބުނާނުގެ ސިފައިން ނުވަންނާނެއެވެ. އެތަންތަނުގެ މައްޗަށް އޮންނާނީ ޕީއެލްއޯގެ ކޮންޓްރޯލެވެ. ލުބުނާނުގެ ކޭމްޕުތަކުގައި ތިބެގެންވެސް ފަލަސްތީނުގެ މުޖާހިދުންނަށް އިޒްރޭލާ ދެކޮޅު ޖިހާދު ކުރިއަށް ގެންދެވޭނެއެވެ. ފަލަސްތީނުގެ ރެފިއުޖީން އެންމެ ގިނައީ ޖޯޑަންގައެވެ. ގާތްގަޑަކަށް ދެ މިލިޔަން ރެފިއުޖީންނެވެ. މިޒާތުގެ އެއްބަސްވުމެއް ޖޯޑަންއާއެކު ހަދަންވެސް ޕީއެލްއޯ ބޭނުންވިއެވެ. އެކަމަކު ޖޯޑަންގެ ހުސައިން ރަސްގެފާނު އެކަމާ ދެކޮޅު ހެއްދެވީއެވެ. އެއަށްފަހު ޖޯޑަންގެ ސަރުކާރު ވައްޓައިލުމަށް ޕީއެލްއޯއިން ރޭވުންތަކެއް ރޭވީމާ ދެން ފެނުނީ ޖޯޑަންއިން ޕީއެލްއޯ ބޭރުކޮށްލި މަންޒަރެވެ. އެއަށްފަހު ޕީއެލްއޯވެސް ގާއިމްވީ ލުބުނާނުގައެވެ.
ޕީއެލްއޯއަކީ ފަލަސްތީނުގެ ހަތިޔާރުއެޅި ތަފާތު އެތަކެއް ޖަމާއަތުގެ މައްޗަށް އެކުލެވިގެންވާ އިއްތިހާދެކެވެ. އެންމެ ބޮޑު ޖަމާއަތަކީ ފަތަހަ ޖަމާއަތެވެ. އެގޮތުން ޕީއެލްއޯގެ ވެރިޔަކީ ފަތަހަ ޖަމާއަތުގެވެސް ވެރިޔާ ޔާސިރު އަރަފާތެވެ. ޕީއެލްއޯއިން ލުބުނާނުގައި ގާތްގަޑަކަށް ބާރަ އަހަރު ގާއިމުވެގެން ތިއްބެވެ. އެ މުއްދަތުގެ ތެރޭގައި ލުބުނާނުގެ ދެކުނުގެ ބޯޑަރުގައި އިޒްރޭލާއި ޕީއެލްއޯގެ ކުރިމަތިލުންތައް ގިނަގުނައެވެ. ލުބުނާނުން ޕީއެލްއޯ ބޭރުވީ އިޒްރޭލް ސިފައިން 1982 ވަނަ އަހަރު ލުބުނާނަށް އަރައިގަތުމާ ގުޅިގެންނެވެ. އެއަށްފަހު ޔާސިރު އަރަފާތާއި ޕީއެލްއޯގެ ލީޑަރޝިޕް ބަދަލުވީ ޓިއުނީޝިޔާގެ ވެރިރަށް ތޫނިސްއަށެވެ. އެތަނުން ގާޒާއަށް އަދި އޭގެފަހުން ހުޅަނގު އައްސޭރީގެ ރާމު ﷲ އަށް 1994 ވަނައަހަރު ޕީއެލްއޯ ރުޖޫއަވީ މެދުއިރުމައްޗަށް ސުލްހަ ގެނައުމަށްޓަކައި ގާއިމްކުރެވުނު އެއްބަސްވުންތަކާ ގުޅިގެންނެވެ. މި އެއްބަސްވުންތަކުގެ ބޭނުމަކީ ފަލަސްތީނުގެ ދައުލަތެއް ވުޖޫދުކުރުމެވެ. ފަލަސްތީނަށް މިނިވަންކަން ލިބުމެވެ.
ޒަމާން ބަދަލުވެއްޖެއެވެ. އިޒްރޭލުގެ ސިޔާސަތުވެސް ބަދަލުވެއްޖެއެވެ. މިހާރު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ނިޔަތެއް ނެތެވެ. މިހާރު ޔާސިރު އަރަފާތެއް ނެތެވެ. ޕީއެލްއޯއެއްވެސް ނެތެވެ. ޕީއެލްއޯ އޮތިއްޔާ އޮތީ ކަރުދާހުގައެވެ. މިހާރު ފެންނަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅުމެއްނެތި އޮޕަރޭޓްކުރާ ޖަމާއަތްތަކެކެވެ. ހަމާސް އާއި އިސްލާމިކް ޖިހާދެވެ. ފަތަހަޔާއި އަދި އެނޫންވެސް ޖަމާއަތްތަކެވެ. މީގެތެރެއިން އެންމެ ބޮޑު ތާއީދެއް އޮތްކަމަށް ފެންނަނީ ހަމާސް ޖަމާއަތަށެވެ. ލުބުނާނުގެ ރެފިއުޖީ ކޭމްޕުތައްވެސް ހިމަނައިގެންނެވެ. މިދުވަސްވަރު ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިޒްރޭލުން ލުބުނާނަށް ހަމަލަދިނުން އިތުރުކުރުމުގެ ސިއްރަކީ ހަމާސްގެ ބާރު ކުރިން ދެންނެވި ކޭމްޕުތަކުގައި އިތުރުވިޔަ ނުދިނުމެވެ. އެކަމަކު ނަތީޖާ ނުކުންނަނީ އަނެއް ކޮޅަށެވެ. އިތުރުވަމުންދަނީ ހަމާސްގެ ބާރާއި ހިޒްބު ﷲ ގެ ބާރެވެ. އޭގެ މާނަޔަކީ އަނެއްކާވެސް 1982 ތަކުރާރުވާން މަގުފަހިވުމެވެ. ހަނގުރާމައިގެ އައު މައިދާނަކަށް ލުބުނާން ބަދަލުވުމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ