ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލީ ރިޕޯޓާ ހަވާލުވުމުގެ ޒިންމާ އޮތީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ނަމަވެސް އެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން އީސީގައި ނެތް ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ބުނެފިއެވެ.

އީޔޫއިން އެހެން ބުނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކަންތައްތައް ދިޔަ ގޮތާމެދު ނެރުނު ރިޕޯޓެއްގައެވެ. އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުން ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓު އީސީއަށް ހުށަހަޅަންޖެހޭއިރު 2018 ވަނަ އަހަރުން ފެށިގެން އެކަން އެގޮތަށް ކުރަމުންދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

"ކެންޑިޑޭޓުން ކެމްޕޭނަށް ހަރަދުކުރާ ގޮތުގެ ރިޕޯޓުތައް ފޮނުވަން ޖެހޭ އިދާރާއަކީ އިލެކްޝަންސް ކޮމިޝަން ކަމަށް ވިޔަސް، ކެންޑިޑޭޓުންގެ އާމްދަނީ އާއި ހަރަދުތަކުގެ ތަފްސީލު ތަހުގީގުކޮށް ބެލުމުގެ ބާރާއި ގާބިލުކަން އެ ކޮމިޝަނުގެ ކިބައިގައި ނެތެވެ." ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނީ އޮޑިޓަރުންނަށް ގައިޑްލައިނެއް އެކުލަވައިލުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުންނާއި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް ގުޅިގެން މަސައްކަތްކޮށްފައިވާ ނަމަވެސް ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ތަފްސީލުކޮށް ބަލައި ތަހުގީގު ކުރުމަކީ ވަކި މުއައްސަސާއަކަށް ލާޒިމްކޮށްފައިވާ ކަމެެއް ނޫން ކަމަށެވެ. ޖަވާބުދާރީ ކުރުވުން އިތުރުކުރުމަށް ސިޔާސީ ގޮތުން އެއްބާރުލުން ނުލިބޭތީ މިހާރު އޮތް ނިޒާމަކީ ރަނގަޅަށް މަސައްކަތް ނުކުރާ، ތަންފީޒު ނުކުރެވޭ އަދި އިންތިހާބުގައި ބައިވެރިވާ ފަރާތްތަކުން އިހުތިރާމުވެސް ނުކުރާ ނިޒާމެއް ކަމަށް އީޔޫގެ އޮބްޒާވަރުން ދެކޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.

އޭގެ އިތުރުން، ކެމްޕޭނުގައި ކެންޑިޑޭޓުން ހަރަދުކޮށްފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށްވެސް ރިޕޯޓުގައި ބުންޏެވެ. ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން ޖަވާބުދާރީކުރުވުން އިތުރަށް ހަދުރަނާ ކުރުމަށް ޓަކައި ކެމްޕޭން ހަރަދުތަކާ ބޭހޭ ގާނޫނީ އޮނިގަނޑުގައި ހުރި ފޫނުބެދޭ ބައިތައް މުރާޖައާކޮށް އިސްލާހުކުރުމަށް ރިޕޯޓުގައި ލަފާދީފައެވެ.