ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފައިސާ ހަރަދުކުރަނީ ދެފުށް ފެންނަ، ހަރުދަނާ ގޮތަކަށް ކަމަށް ނުބެލެވޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކަންތައްތައް ދިޔަ ގޮތާމެދު އީޔޫއިން އިއްޔެ ނެރުނު ރިޕޯޓުގައި ބުނީ ކެންޑިޑޭޓުންގެ މާލީ ރިޕޯޓާ ހަވާލުވުމުގެ ޒިންމާ އޮތީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ނަމަވެސް އެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން އީސީގައި ނެތް ކަމަށެވެ. އަދި އިންތިހާބުގެ ކެމްޕޭނަށް ހަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލުން އިތުރަށް ހަރުދަނާ ކުރުމަށް ސިޔާސީ އިހުލާސްތެރިކަން އިތުރަށް ބޭނުންވާ ކަމަށް އީޔޫގެ އޮބްސާވަރުން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
"ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނައިން ފައިސާ ހަރަދު ކުރުމުން ނުވަތަ ހަރަދުތަކުގެ ތަފުސީލާއެކު ފޮނުވަން ޖެހޭ ރިޕޯޓުތައް ރަނގަޅަށް ނުފޮނުވުމުން ކުރާ ޖޫރިމަނާއަކީ މާ ބޮޑު އަސަރެއް ކުރާ ވަރަށްވުރެ ކުޑަ ޖޫރިމަނާއެކެވެ. މިކަމާމެދު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކޮށްފިނަމަ ކުރުމަށް ގާނޫނުން ބުނެފައިވަނީ ވަރަށް ކުޑަ މިންވަރެއްގެ ޖޫރިމަނާއެކެވެ." ރިޕޯޓުގައި ވެއެވެ.
މިދިޔަ އަހަރު ތައާރަފުކުރި ޖޫރިމަނާގެ ގަވާއިދު މިހާތަނަށް ތަންފީޒުކޮށްފައި ނުވާ ކަމަށް ރިޕޯޓުގައި އަލި އަޅުވާލާފައި ވެއެވެ. އެޔާއެކު އީޔޫއިން ވަނީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން ޖަވާބުދާރީކުރުވުން އިތުރަށް ހަދުރަނާ ކުރުމަށް ޓަކައި ކެމްޕޭން ހަރަދުތަކާ ބޭހޭ ގާނޫނީ އޮނިގަނޑުގައި ހުރި ފޫނުބެދޭ ބައިތައް މުރާޖައާކޮށް އިސްލާހުކުރުމަށް ލަފާދީފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ހިނގައިދިޔަ ގޮތާމެދު ރިޕޯޓުގައި ބުނީ ފެނިގެން ދިޔައީ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ނޭދެވޭ ކެމްޕޭނުތަކެއް ކުރަމުން ދިޔަތަން ކަމަށެވެ. އަދި މީޑިއާތަކުގެ އަމާޒު ބޮޑަށް އޮތީ މާލެއަށް ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު