ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފިއެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކް ކޮށްފައި މިވަނީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ހޫނުވެފަައިވަނިކޮށެވެ. އެ މައްސަލައިގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރަކު މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.

މޯދީއަށް ބަދުބަސް ވިދާޅުވި މައްސަލައިގައި ސަސްޕެންޑުކޮށްފައި ވަނީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު އަދި އަބްދުﷲ މަހުޒޫމް މާޖިދެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކް ކޮށްފައިވަނީ އިންޑިއާ ހެކަރުންތަކެއް ކަމަށް ބުނާ ބައެކެވެ. ވެބްސައިޓް ހެކްކޮށްފައިވަނީ "ޓީމް ނެޓްވޯކް9" ކިޔާ ހެކަރުން ތަކެކެވެ. އަދި ވަނީ އެއީ ބާރަތު (އިންޑިއާ) ހެކާސް ކަމަށްވެސް ލިޔެފައެވެ.

އެ ހެކަރުން ހެކު ކުރުމަށްފަހު ވެބްސައިޓްގައި އިންޑިއާ ދިދައާއި އެކު ވަނީ އިންޒާރުގެ މެސެޖެއްވެސް ލިޔެފައެވެ. އެ މެސެޖުގައި ވަނީ އެ ސައިޓް ހެކް ކޮށްފައިވަނީ މިފަހުން ސަރުކާރުގެ އިސް ފަރާތްތަކަކުން އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދުކޮށްފައިވާތީ ކަމަށެވެ. އެކަމުގެ ސަބަބުން ދެގައުމުގެ ގުޅުމަށް ބުރޫ އަރާފައިވާ ކަމަށްވެސް ލިޔެފައިވެއެވެ.

ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ މަތިން ހަނދާންކޮށްދޭ ކަމަށާއި ނަމަވެސް އިންޑިއާގެ ސަގާފަތްތަކަށް މަލާމާތްކުރުން ބަލައި ނުގަނެވޭ ކަމަށް ވެސް ލިޔެފައިވެއެވެ. ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ސަބަބުން ރާއްޖެއަށް ހުތުރު ނަން ލިބެމުންދާ ކަމަށް ބުނެފައިވެއެވެ.

ހެކަރުން ވަނީ މިއީ އެކަންކަމަށް ދިން އިންޒާރެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ވެއްޖެނަމަ، ރާއްޖޭގެ ސައިބާ ނިޒާމަށް ބޮޑު ގެއްލުމެއް ދޭނެ ކަމަށް ބުނެފައެވެ. އަދި އުންމީދަކީ އަމާންކަމާއި އޮމާންކަމާއެކު ދެ ގައުމުން މި މައްސަލަ ހައްލު ކުރުން ކަމަށްވެސް ހެކަރުންގެ މެސެޖުގައިވެއެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކް ކޮށްފައިވާ އިރު، މީގެ ކުރިން ވަނީ ރައީސް އޮފީހުގެ ވެބްސައިޓާއި ސަރުކާރުގެ އެހެން މުއައްސަސާތަކުގެ ވެބްސައިޓް ތަކަށް ސައިބާ އެޓޭކްތަކެއް ދީފައެވެ.