ރެސްކިއު ޑައިވަރުންގެ ތަމްރީނު ޕްރޮގްރާމް ފަށާ ފުރަތަމަ 4 އަތޮޅު މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސްއިން ކަނޑައަޅައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނީ، މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއްފަޅުވެރިޔަކީ "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ޑައިވަރަކަށް ހެދުމުގެ ޕްރޮގްރާމުގެ ފެށުން އެ މިނިސްޓްރީން ކުރިއަށް ގެންދާނީ ލ، ގއ، ގދ އަދި ސ އަތޮޅުގައި ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އަހްމަދު ޝާފިއު "ވަން" އަށް މިއަދު ވިދާޅުވީ، އެ 4 އަތޮޅުގެ ރަށު ކައުންސިލް މެދުވެރިކޮށް އެ އަތޮޅުން ބައިވެރިވާ މަސްވެރިންގެ ތެރެއިން މިހާރުވެސް ޑައިވް ކުރާ ފަޅުވެރީންގެ މައުލޫމާލު ހޯދާނެ ކަމަށެވެ. އެ ފަޅުވެރިންނަކީ ޑައިވްކުރުމުގެ ލައިސަންސް އޮންނަ ފަޅުވެރިންތޯވެސް ބަލާނެ ކަމަށާއި މިމަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް 4 އަތޮޅުގެ ކައުންސިލުތަކުން އެ މައުލޫމާތު ފިޝަރީޒް މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް އެދިފައިވާނެކަމަށެވެ.
އެ ޕްރޮގްރާމް ފެށުމުގެ ކުރިން، ރެސްކިއު ޑައިވަރު ޕްރޮގްރާމް ހިންގުމަށް ހުށަހަޅާފައިވާ އިންސްޓްރަކްޓަރުންގެ މައުލޫމާތު ދިރާސާ ކުރާނެކަމަށް އިއުލާނުގައިވެއެވެ. އެ ތަމްރީން ޕްރޮގްރާމަށް ބޭނުންވާ ޑައިވް އިންސްޓްރަކްޓަރުން ހޯދުމަށް އިއުލާންކުރީ މިދިޔަމަހުގެ 28ގަ އެވެ. ތަމްރީނު ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އިއްޔެ ހެނދުނު 11:00ގައި ވަނީ ހަމަވެފައެވެ.
މިނިސްޓްރީގެ މީޑިޔާ އޮފިޝަލު ވިދާޅުވީ، ޑައިވް އިންސްޓަރަކްޓަރުންގެ ގޮތުގައި ހަތް މީހަކު ހުށަހަޅާފައިވާކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު