އޮކްޓޯބަރު ހަތެއްގެ ފަހުން ގާޒާގެ ކޮންމެ 100 މީހަކުން އެކަކު ވަނީ މަރާލާފައިކަމަށް ފަލަސްތީނުން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިފަހުން އިސްރާއީލުން ގާޒާގައި ފެށި ގަތުލްއާންމުގައި މިހާތަނަށް 22835 މީހުން މަރާލާފައިވެއެވެ.

ހެލްތު މިނިސްޓްރީން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު 2.27 މިލިއަން މީހުންގެ އާބާދީގެ އެއް އިންސައްތަ މީހުން ދުނިޔެ ދޫކޮށްފައިވެއެވެ.

ހަމާސްގެ ބާރުގެ ދަށުގައިވާ ގާޒާގެ ހޮސްޕިޓަލުތަކުގައި މިހާރުވެސް 58،416 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަކަމަށްވެސް ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

އޮކްޓޯބަރުގެ ފަށުން ހިނގަމުންދާ ގަތުލް އާންމުގައި މިހާތަނަށް މަރުވި މީހުންގެ ތެރެއިން 5300 މީހުންނަކީ އަންހެނުން ކަމަށާއި 9000 އަށް ވުރެން ގިނަ ކުޑަ ކުދިން ހިމެނޭކަމަށްވެސް އެއިދާރާއިން ބުނެއެވެ.