ފުޓްބޯލް އޭސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުއްޔަށް ނެގި ރެސްޓޯރެންޓަކަށް ކުލި ނުދެއްކުމުގެ ސަބަބުން އެ ތަނަށް 170،000 ރުފިޔާ ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ބްރައިޓް ބްރަދާސް ޕްރައިވެޓް ލިމިޓެޑުން މއ. އޮލްވީނާ ގޯތީގައި ހަދާފައިވާ އިމާރާތުގެ ގްރައުންޑް ފްލޯ ރެސްޓޯރެންޓް އަދި ފުރަތަމަ ބުރި، ފަސް އަހަރު ދުވަހަށް އެފްއޭއެމް އަށް ކުއްޔަށް ދިނުމަށް އެ އެސޯސިއޭޝަން އާއި ބްރައިޓް ބްރަދާސްއާ ދެމެދު 1 އޭޕްރިލް 2020 ގައި ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީ ބްރައިޓް ބްރަދާސް އިން އެފްއޭއެމްއާ ދެކޮޅަށް 18 ޖުލައި 2023 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ބްރައިޓް ބްރަދާސް އިން ބުނެފައިވަނީ އިމާރާތުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން 15 އޭޕްރިލް 2022 އިން 31 މެއި 2022 އަށްވާ ކުލި ދެއްކުމަށް އެފްއޭއެމް އިން ދީފައިވާ ޗެކުގައިވާ 150،000 ރުފިޔާ ލިބިފައިނުވާ ކަމަށެވެ.
އަދި އެފްއޭއެމް އަށް ކުއްޔަށް ދިން އިމާރާތް 14 ޖޫން 2022ގައި އަނބުރާ ހަވާލުކުރި އިރު، އިމާރާތުގެ ކަރަންޓު ބިލަށް އަރާފައިވާ 72،585/35 ރުފިޔާއާއި އިމާރާތުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 46،666/66 ރުފިޔާ އަދި ފެން ބިލަށް އަރާފައިވާ 901/91 ރުފިޔާ ވެސް އެފްއޭއެމް އިން ދީފައިނުވާ ކަމަށް ބުންޏެވެ.
އެހެންވެ ބްރައިޓް ބްރަދާސް އިން ކޯޓުގައި އެދުނީ އެފްއޭއެމްގެ ސަބަބުން ލިބުނު ސީދާ ގެއްލުމާއި ނުސީދާ ގެއްލުމުގެ ބަދަލުގެ ގޮތުން 100،000 ރުފިޔާ އާއެކު ޖުމުލަ 370،153/92 ރުފިޔާ ހޯދައިދިނުމަށެވެ.
ދައުވާއަށް ޖަވާބުދާރީވަމުން އެފްއޭއެމް އިން ވަނީ ދައުވާގައިވާ ބައެއް ފައިސާތަކަކީ ދައްކަންޖެހޭ ފައިސާތަކެއް ކަަމަށް ގަބޫލުކޮށް، އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމުގެ ފުރުސަތަކަށް އެދިފައެވެ. އެފްއޭއެމް އިން އިންކާރުކޮށްފައި ވަނީ ކުލީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ 46،666/66 ރުފިޔާއަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 100،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
އެ މައްސަލައިގެ ރައުޔު އިއްވަމުން ގާޒީ ޒުލައިހާ ޝީޒާ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ފައިސާ ހޯދުމަށް ދައުވާކޮށްފައިވާ މައްސަލަތަކުގައި، ދައުވާގެ ބަޔަކަށް އެއްބަސްވެފައިވާ ހާލަތުގައި މައްސަލައިގެ ހުކުމް ކުރަންވާނީ، ދައުވާކުރި އަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާ ނަމަ، އެ އުނިކުރުމަށްފަހު ދައުވާ ކުރި އަދަދުން ދައްކަންޖެހޭ ބާކީ ދެއްކުމަށް ކަނޑައެޅުމާއެކު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ދައުވާއާ ގުޅިގެން 7 ޖެނުއަރީ 2024 ގައި ބޭއްވި އަޑުއެހުމުގައި ބްރައިޓް ބްރަދާސްގެ ފަރާތުން އެފްއޭއެމް އިން ހޯދަން އެދިފައިވާ ފައިސާގެ ތެރެއިން 100،000 ރުފިޔާ ލިބިފައިވާ ކަމަށް ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ، އެފްއޭއެމް އިން ދެއްކުމަށް އިންކާރު ކުރި ފައިސާތައް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެފްއޭއެމް އިން ކުލީގެ އެއްބަސްވުން އުވާލީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ކަމަށާއި އެގޮތުން އެފްއޭއެމްގެ ފަރާތުން އިމާރާތުގެ ތަޅުދަނޑި، ދައުވާކުރާ ބްރައިޓް ބްރަދާސްއާ ހަވާލުކޮށްފައިވުމަކީ އެއްބަސްވުން ނިމުމަކަށް ގެނައީ ކަމަށް ބެލެވޭނެ ކަމަށް ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އެފްއޭއެމްގެ ފަރާތުން ކުލީގެ އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން، ނަގައިދެވޭނީ ހަމައެކަނި ކުލީގެ ފައިސާ ކަމަށްވާ 46،666/66 ރުފިޔާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 100،000 ރުފިޔާ، ނަގައިދެވެން ނެތީ، އެ އަދަދަށް ގެއްލުންވިކަން ސާބިތުކޮށް ދިނުމަށް، ދައުވާކުރާ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވުމުން ކަމަށް ވިދާޅުވިއެވެ.
އެ މައްސަލައިގައި ގާޒީ ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ އެފްއޭއެމް އަށް ކުއްޔަށް ދިން އިމާރާތުގެ ކަރަންޓާއި ފެނުގެ ހިދުމަތައް ދައްކަންޖެހޭ 123،487/26 ރުފިޔާ އަދި ކުލީގެ ގޮތުގައި ދައްކަންޖެހޭ 46،666/66 ރުފިޔާ އާއެކު ޖުމުލަ 170،153/92 ރުފިޔާ ބްރައިޓް ބްރަދާސްއަށް ލިބިދިނުމުގެ ގޮތުން، އެ ފައިސާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި މުޅި ދަރަނި މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ހަލާސްކުރުމަށް އެފްއޭއެމްއަށް ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު