މަޝްހޫރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސްއާއެކު ނައިކީން ހަދާފައިވާ އެއްބަސްވުން، 27 އަހަރަށްފަހު އުވާލައިފިއެވެ.

ވުޑްސްގެ އެއްބަސްވުން އުވާލަން ނިންމާފައި ވަނީ ނައިކީންނެވެ. 1996 ވަނަ އަހަރު ވުޑްސް ޕްރޮފެޝަނަލް ކެރިއަރު ފެށިފަހުން، އިއްޔެއާ ޖެހެންދެންވެސް އޭނާއަށް ހުރިހާ ކުޅިވަރު ސާމާނެއް ސަޕްލައި ކޮށްދެމުން ދިޔައީ ނައިކީންނެވެ. ވުޑްސްއަކީ މިހާރުވެސް ދުނިޔޭގެ އެންމެ މުއްސަނދި އެއް އެތުލީޓެވެ.

ކެރިއަރުގައި ވުޑްސް ވަނީ 15 މޭޖާ ޓައިޓަލް ކާމިޔާބު ކޮށްފައެވެ. އުމުރުން 48 އަހަރުގެ ވުޑްސް، ފުރަތަމަވެސް ނައިކީއާއެކު ހެދީ 31.5 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައެވެ. އެއީ އުމުރުން 20 އަހަރުގައެވެ. ފުރަތަމަ އެއްބަސްވުމާއެކު ވުޑްސް، 20 ވަރަކަށް އަހަރު ދުވަހަށް ގޮލްފް ޑޮމިނޭޓް ކޮށްފައިވާ އިރު، ނައިކީން 10 އަހަރަށް ވުޑްސްއާއެކު އެއްބަސްވީ 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.

ނައިކީން ބުނެފައި ވަނީ ތާރީހު ދުށް އެންމެ މޮޅު އެއް ގޮލްފް ކުޅުންތެރިޔާ ވުޑްސްއާއެކު ޕާޓްނާޝިޕް ހެދުމަކީ ލިބުނު ފަހުރެއް ކަމަށާއި، އެތަކެއް އުފާވެރި ވަގުތުތަކެއް ވުޑްސްއާއެކު ހޭދަކުރެވިފައިވާ ކަމަށެވެ.