އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދުކުރި ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުންގެ ވާހަކަތައް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ކުށްވެރިކޮށްފިއެވެ.
މަޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އެކުވެރި އެއް ގައުމު ކަމަށާއި ރާއްޖެއާއި އިންޑިއާ އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުން ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓާފައިވާ ކަމަށެވެ.
"ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާގެ ރައްޔިތުންނަށް ބަދުބަސް ބުނުން މަޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" މަޓީން ބުންޏެވެ.
ރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ އެކުވެރި ދެ ގައުމުކަން ފާހަގަކޮށް އެ ޖަމިއްޔާއިން އިތުރަށް ބުނީ، އިންޑިއާ އިން ރާއްޖެއަށް ދިމާތި ހުރިހާ ދަތިތަކެއްގައި ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުމަށް އިހުތިރާމުކުރާ ކަމަށެވެ.
އަދި ރާއްޖޭގެ ޓޫރިޒަމަށް އިންޑިއާއަކީ މުހިންމު ގައުމެއް ކަމަށާއި ކޮވިޑް-19އިން އަރައިގަތުމަށްވެސް އަދި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުގައިވެސް އިންޑިއާގެ ފަތުރުވެރިންގެ ދައުރު ބޮޑު ކަމަށް ބުންޏެވެ. އަދި ބުނީ، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކޮށް، އިންޑިއާއަށް ބަދުބަސް ރައްދުކުރުމުން ދުރުވާންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު