މި ސަރުކާރުން، ކުރާ ރަނގަޅު ކަންކަމަށް ޖޭޕީން ފުރިހަމަޔަށް ތާއީދު ކުރާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގެންނެވި އިރު، އެއާޕޯޓުގެ ވީއައިޕީއަށް ވަޑައިގަތީ އެ މަނިކުފާނުގެ ދައުވަތަކަށް ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު، އަދި ގާސިމް އިބްރާހީމް އަނބިކަނބަލުން އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ފުރާވަޑައިގެންނެވި އިރު، ވީއައިޕީ ލޯންޖަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި ނަހުލާވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް ގައުމުން ބޭރަށް ފުރާވަޑައިގަންނަވާއިރު އަލްވަދާއު ވިދާޅުވުމަށާއި އެނބުރި ރާއްޖެއަށް ވަޑައިގަންނަވާ އިރު، މަރުހަބާ ވިދާޅުވަނީ ސަރުކާރުގެ ކޯލިޝަނުގެ ބޭފުޅުންނެވެ. ރައީސްގެ ދަތުރުފުޅުތަކުގެ ކަންކަން ހަމަޖެހިފައި ހުންނަނީ އެންމެ މަތީ ސެކިއުރިޓީ އާއި އެކުގައިކަމަށް ވާތީ، ވީއައިޕީއަށް އެ ވަގުތުގައި ވަދެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ސެކިއުރިޓީ ޗެކުވެސް ކުރެވިގެންނެވެ.
ރައީސް މުއިއްޒުގެ މި ފަދަ ދަތުރުތަކުން މީގެ ކުރީން، ޖުމުހޫރީ ޕާޓީގެ އިސް ބޭފުޅުން ފެނިފައި ނުވާތީ އާއި، ވަކީން ހާއްސަކޮށް ނަހުލާ މުއިއްޒު ފުރުވަން ވަޑައިގެން ވީއައިޕީގައި ހުންނެވިތަން ފެނުމުން ބައެއް ފަރާތްތަކުން އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. ބައެއް މީޑިއާތަކުންވެސް އެ ކަން ރިޕޯޓުކޮށްފައިވެ އެވެ.
މި ކަމާ ގުޅޭ ގޮތުން، "ވަން" އިން ސުވާލު ދެންނެވުމުން، ނަހުލާ މިއަދު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ފުރުވަން އެއާޕޯޓުގެ ވީއައިޕީއަށް ވަޑައިގަތީ އެ މަނިކުފާނުގެ ދައުވަތަކަށް ކަމަށާއި އެ ނޫން ގޮތަކަށް އެ ތަނަށް ނުވަދެވޭނެ ކަން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ. ސިޔާސީ ގޮތުން، ރައީސް މުއިއްޒާ އެއްވެސް މައްސަލައެއް އޭނާގެ ވެސް އަދި ޖޭޕީގެ ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"ރައީސް ވަޑައިގަންނަވާ އިރު ގޮސް އެތަނަށް ވަދެވޭނީ ހުއްދަ އޮވެގެންކަން ކޮންމެ މީހަކަށްވެސް އެނގޭނެ. އަޅުގަނޑު އަމިއްލަަށް އެތަނަށް ހުއްދައެއް ނެތި ނުވަދެވޭނެ. އަޅުގަނޑު ދިޔައީ ރައީސް ދެއްވި ދައުވަތަކަށް. އަޅުގަނޑުމެން (ޖުމުހޫރީ ޕާޓީ) އާއި ރައީސް މުއިއްޒާ އެއްވެސް މައްސަލައެއް ނެތް. އޮންނާކަށް ނުވެސް ޖެހޭ ދެއްތޯ؟" ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން، މި ސަރުކާރުން ކުރާ ރަނގަޅު ކޮންމެ ކަމަކަށް ޖުމުހޫރީ ޕާޓީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ގައުމީ މަސްލަހަތު އޮތީ ވެސް އެގޮތުގައި ކަމަށެވެ.
ކުރީގެ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުކަންވެސް ކުރައްވާފައިވާ ނަހުލާ ދާދި ފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައި ކެމްޕޭންވެސް ފައްޓަވައިފައެވެ.
މި ކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ރަސްމީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު