އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ތާވަލުކޮށްފައިވާ ބައްދަލުވުމަކަށް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންފައި ވަނީ، އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ހޫނުވެފަައިވަނިކޮށެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ހައި ކޮމިޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސަފީރު މުނޫ މަހާވަރު، އެމްބެސެޑާ އެޓް ލާޖް ޑރ. އަލީ ނަސީރު މުހައްމަދާ ބައްދަލުކުރެއްވުމަށް ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ވެސް ތާވަލުކޮށްފައިވާ ބައްދަލުވުމަކަށް ކަމަށާއި އެ ބައްދަލުވުމުގައި ދެ ގައުމާ ގުޅޭ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

މޯދީއަށް ބަދުބަސް ރައްދުކުރި މައްސަލައައިގައި އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހެނދުނު ހާޒިރުކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ވެސް މިހާތަނަށް ސަރުކާރުން ފޯރުކޮށްދީފައެއް ނުވެއެވެ.

މޯދީއަށް ބަދުބަސް ވިދާޅުވި މައްސަލައިގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރަކު އިއްޔެ ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު އަދި އަބްދުﷲ މަހުޒޫމް މާޖިދެވެ. އެބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ ގިނަ ބަޔަކު އެ މައްސަލައިގައި ފާޑުކިޔުންތައް އަމާޒުކުރާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ އެ އޮފިޝަލުންގެ ހިޔާލަކީ ސަރުކާރުގެ ބަސް ނޫން ކަމަށާއި ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަން ގަބޫލުކުރާ ނަމަވެސް، އެ މިނިވަންކަން އޮންނަން ވާނީ ވަކި ހަމަތަކެއްގެ މަތީން ކަމަށެވެ. އަދި އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ ބައެއް އާންމުން ސޯޝަލް މީޑިއާގައި މޯލްޑިވްސް އައުޓްގެ ނަމުގައިވެސް ދަނީ ކެމްޕޭން ކުރަމުންނެވެ. ލަކްޝަދީބަކީ އިންޑިއާގެ ރައްޔިތުންނަށް ރަނގަޅު މަންޒިލެއްކަން ފާހަގަކޮށް، ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެއްޖެ ނަމަ، އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްބުނެ ރާއްޖެ ބޮއިކޮޓް ކުރުމަށްވެސް ދަނީ ގޮވައިލަމުންނެވެ.