މިޒަމާނުގެ ދިވެހިން ތާރީޚުޖަހައި މިއުޅެނީ މީލާދީ ކަލަންޑަރަށް ބަލައިގެންނެވެ. އަހަރު ގުނަނީ މީލާދީ ކަލަންޑަރުންނެވެ. މީލާދީ ކަލަންޑަރަށް ތަބާވެގެން އެ ކަލަންޑަރުގެ ދުވަސް ދުވަސް ފާހަގަކުރުމަކީ އިހު ދިވެހިން ކުރި ކަމެއް ނޫނެވެ. ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި 80 އަށްވުރެ ގިނަ ރަަސްރަސްކަލުންގެ ރަސްމީ ތާރީޚަކީ ހިޖުރީ ތާރީޚެވެ. މީލާދީ ކަލަންޑަރަށް ތަބާވުން ތައާރަފުވީ ދާދި ފަހަކުންނެވެ. ވެލާނާގޭ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ދިވެހިރާއްޖޭގެ ކަންކަން ޒަމާނީކޮށް އިސްލާހުކުރުމުގެ އޮއިވަރެއްގެ ތެރެއިންނެވެ. މީލާދީ ތާރީޚު ރާއްޖޭގެ ރަސްމީ ތާރީޚެއް ކަމުގައިވީ 1 ޖަނަވަރީ 1958 ގައި މީގެ 66 އަހަރު ކުރިންނެވެ. އޭގެކުރިން ރަސްމީ ބަންދު ދުވަސްދުވަހުގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައި އޮންނަ ދުވަސްދުވަހަކީ މުޅިންވެސް ހިޖުރީ ކަލަންޑަރަށް ބަލައިގެން ޚާއްސަކުރެވިފައިވާ ދުވަސްދުވަހެވެ.

ހިޖުރީ އައު އަހަރު ފެށުން ފާހަގަކުރުމަށް މުހައްރަމް މަހުގެ އެއްވަނަ ދުވަހެވެ. އާޝޫރަތްދުވަސް ފާހަގަކުރުމަށް މުހައްރަމް މަހުގެ ނުވަވަނަ ދުވަހާއި ދިހަ ވަނަ ދުވަހެވެ. ޕޯވުގީޒުންގެ އަޅުވެތިކަމުން މިންޖުވީ ދުވަސް ފާހަގަކުރުމަށް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަކުރުމަށް ރަބީއުލްއައްވަލް މަހުގެ ބާރަވަނަ ދުވަހެވެ. ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. ދެން ހުރަވީދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމާދަލްއާޚިރު މަހުގެ ތިންވަނަ ދުވަހެވެ. ރަޖަބުމަހުގެ އެއްވަނަ ދުވަހާއި ޝައުބާންމަހުގެ ފަނަރަވަނަ ދުވަހެވެ. ކުޑައީދު ފާހަގަކުރުމަށް ޝައްވާލް މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހެވެ. ހައްޖުދުވަހާއި ބޮޑުއީދު ފާހަގަކުރުމަށް ހައްޖުމަހުގެ ނުވައެއް، ދިހައެއް، އެގާރަ، ބާރަ، މި ހަތަރު ދުވަހެވެ. މީސްމީހުންގެ އުފަންދުވަހާއި އެކި ހާދިސާތަކުގެ ތާރީޚުވެސް ލިޔަމުން ކިޔަމުންއައީ ހިޖުރީ ކަލަންޑަރަށް ރިއާޔަތްކޮށްފައެވެ. ހަނދުމަހަށް ބަލައިގެންނެވެ.

މިކަން މިމަގުން ހިނގަމުންއައިސް މީލާދީ ކަލަންޑަރަށް ފައްތައިގެން އެންމެ އިހަށް ކުރި އެންމެ ބޮޑު ކަމަކީ މީލާދީ އަހަރެއް ފެށުނު ދުވަހު 1 ޖަނަވަރީ 1953 ގައި ގައުމީ އިހުތިފާލުތަކަކާއެކު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔަތު ގާއިމުކުރުމެވެ. މީގެ 71 އަހަރު ކުރިންނެވެ. ދެން ފާހަގަކުރެވޭ ދެވަނަ ކަމަކީ ދިވެހި ދައުލަތުގެ ހިންގުމަށް ބޮޑު ބަދަލެއް ގެނައުމަށް 1 ޖަނަވަރީ 1959 ގައި އަތޮޅުތަކާއި ރަށްރަށުގައި ދައުލަތުގެ އޮފީސްތައް އުފައްދައި ދައުލަތުގެ ބަޖެޓުން އަތޮޅުތަކާއި ރަށްރަށަށް ޚަރަދުކުރަން އެންމެ ފުރަތަމަ ފެށުމެވެ. އެއީ މީގެ 65 އަހަރު ކުރިއެވެ. ދިވެހިރާއްޖޭގެ ގަޑި ޖީއެމްޓީއަށްވުރެ ފަސްގަޑި އަވަސްކޮށް 1 ޖަނަވަރީ 1960 ގައި ހަމަކުރުމަކީ ތިންވަނަ ކަންތަކެވެ. މިހާރުގެ ގަޑިއަކީވެސް އެއީއެވެ. އެއީ މީގެ 64 އަހަރު ކުރިއެވެ. މީލާދީ ކަލަންޑަރަށް ތަބާވުން އިސްކުރިއަސް ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ހިޖުރީ ތާރީޚުވެސް އައީ ލިޔަމުންނެވެ.

އަމިއްލަ ގިނަ އޮފީސްތަކާއި އިދާރާތަކުގައި ބޭނުންކުރަމުން އަންނާތީ ފެންނަނީ ހަމައެކަނި މީލާދީ ތާރީޚެވެ. އަތޮޅުތަކާއި ރަށްރަށުގައި މީގެ 65 އަހަރުކުރިން އޮފީސްތައް ގާއިމުކޮށް ކަތީބުންނާއި މުދިމުންނަަށް އަދި ދެންވެސް ދައުލަތުގެ ވަޒީފާގައި ތިބި ބަޔަކަަށް ރަސްމީ މުސާރަ ކަނޑައެޅި މާލެއިން މުސާރަ ލިބޭން ފެށުމަކީ އޭގެ އިތުރު ތަފްސީލަށް ދާންޖެހޭވަރުގެ ބޮޑު ބަދަލެކެވެ. އޭގެކުރިން މާލެ ފިޔަވައި އެއްވެސް ރަށަކަށް ދައުލަތުގެ ބަޖެޓުން ލޯލާރިއެއްވެސް ޚަރަދު ކުރުމެއް ނޯވެއެވެ. އެރަށެއް ހިންގަނީ އެރަށަކުން އަމިއްލަޔަށެވެ. ކަތީބުންނާއި މުދިމުންގެ މުސާރަޔަކީ އޭގެކުރިން އެރަށެއްގެ މަސްވެރިންނާއި ދަނޑުވެރިންގެ އަތުން ނެގޭ މިންވަރެކެވެ. އާބާދީ ބޮޑެތި ރަށްރަށުގެ ވެރިންގެ ދިރިއުޅުން ތަނަވަސްވެފައި ކުދިކުދި ރަށްރަށުގެ ވެރިންގެ ކިބައިގައި އެކަހަލަ ތަނަވަސްކަމެއް ނެތުމުގެ ސިއްރަކީ އެއީއެވެ. އެގޮތް ބަދަލުވެ ނަގުދު ރުފިޔާއިން މުސާރަލިބޭ، އަދި ވަކިތަނަކަށް ނުކުމެ މަސައްކަތްކުރަންޖެހޭ ގޮތަށް މިކަން ބަދަލުވީ މީގެ 65 އަހަރު ކުރިން 1 ޖެނުއަރީ 1959 ގައެވެ.

ދައުލަތުގެ ހިންގުމަށް ޒަމާނީ ސިފައައީ އެހިސާބުންނެވެ. ރަށްރަށުގައި އޮފީސް އުފެއްދުމާއެކު އެ އޮފީހުގެ މަސައްކަތުގެ ތެރޭގައި އެރަށެއްގެ އެންމެހައި ރައްޔިތުން ގޭގޭގައި ރެޖިސްޓަރީވުމާއި ވިހާމަރުވާގެ ރިކޯޑުތައް ދުވަހުން ދުވަހަށް ބެލެހެއްޓުން ހިމެނުނެވެ. ދައުލަތުގެ އިދާރީ ކަންކަން އަލުން އިންތިޒާމުކުރެވި ހަރުދަނާކުރެވި ޒަމާނީކުރެވުނީ ކުރިން ދެންނެވި ގޮތަށް ބޮޑުވަޒީރު ނާސިރުގެ ތާރީޚީ މި ނިންމެވުމުންނެވެ. އޭގެކުރިން ގޭގޭގެ ރަޖިސްޓްރީއާއި މީސްމީހުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި މަރުވާ މީހުންގެ ތަފާސްހިސާބު ބެލެހެެއްޓުމަކީ ރަސްމީ ސިފައެއްގައި އެއްވެސް އިދާރާއަކުން ކުރި ކަމެއް ނޫނެވެ. ބައެއް މައިންބަފައިން ކޮންމެވެސް ކަރުދާހެއްގައި ނުވަތަ ވަކަރެއްގައި ކުދިންގެ އުފަންދުވަސް ލިޔެފައި އޮވެދާނެއެވެ. އެހެންވީމާ މިދެންނެވި އިދާރީ ބޮޑު ބަދަލުގެ ކުރިން ނުވަތަ މީގެ 65 އަހަރު ކުރިން އުފަންވި މީހުންގެ ހަގީގީ އުފަން ދުވަސް އޮޅުމާއި ދިމާނުވުމުގެ މައްސަލަ ވަރަށް ގިނައެވެ.

ރަސްމީ ލިޔުންތަކާއި ރިކޯޑުތައް ފުރިހަމަކުރުން ތަންކޮޅެއްފަހުން ލާޒިމުކަމަކަަށްވީމާ ކޮންމެވެސް މީހެއްގެ ހަނދާނަށް ނުވަތަ ބުނުމަކަށް ރިއާޔަތްކޮށްފައި ތާރީޚެއް ޖަހައިލަނީއެވެ. ރަސްމީކޮށް އަރަބި ނަމެއް ނުކިޔާ މީހުންނަށް އަރަބި ނަންނަންވެސް ދެވުނީ މިކަހަލަ ގޮތަކަށެވެ. ރަސްމީ އަރަބި ނަމެއްނެތި ކަޅުތުއްތު، ދޮންކަމަނަ، މިކަހަލަ ނަންނަން ކިޔާ ދިވެހިން އޭރު ވަރަށްވެސް ގިނައެވެ. އިބްރާހިމް ނާސިރުގެ ދައުރުގައި ކުރިން ދެންނެވި މަގުން މީސްމީހުންގެ އުމުރު ބަޔާންކުރުމާއެކު ގޭގެޔަށް ރަޖިސްޓްރީކުރިއަސް އަރަބި ނަންނަން ނުކިޔާ މީހުންގެ ނަންތައް ދެންވެސް އޮތީ ކުރީގެ ގޮތަށެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ މެދުތެރޭގައި އައިޑެންޓިޓީ ކާޑުހަދަން ޖެހިގެން އަރަބި ނަންނަން އަލުންބަލުން ދޭންޖެހުނު މީހުންވެސް މަދެއް ނޫނެވެ. އަދި މައިންބަފައިންނާއި ދަރީންގެ އުމުރުގެ ފަރަގު ކުޑަކަމުން ނުވަތަ އުމުރު ދިމާނުވާތީ އަލުންބަލުން އުމުރު އިސްލާހުކުރަން ޖެހުނު މީހުންވެސް މަދެއް ނޫނެވެ.