އިންޑިއާގެ ލަކްޝަދީޕަށް ދިއުމަށް ބާރު އަޅައި އެ ގައުމުގެ މަޝްހޫރު ފިލްމު ސްޓާރުން ވަރުގަދަ ކެމްޕޭނެއް ފަށައިފިއެވެ.

ލަކްޝަދީޕްގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމު ކުރެއްވި ވީޑިއޯއަކާ އެކު ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ގެންދަނީ ބޮޑު ކެމްޕެއިނަށް ކުރަމުންނެވެ. އެކަމާ ގުޅިގެން އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރަމުންނެވެ.

އެގޮތުން ސަރުކާރުގެ އިސް އޮފިޝަލުންގެ އެކްސް އެކައުންޓުތައް މެދުވެރިކޮށް ވަނީ މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބުކޮށްފައެވެ. އޭގެ ތެރޭގައި އެކްޓިވިސްޓުންގެ ގޮތުގައި ކުރިން އުޅުނު، ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު ހިމެނެއެވެ.

ލަކްޝަދީޕް ޕްރޮމޯޓް ކުރުމަށް މޯދީ ފެއްޓެވި ކެމްޕެއިންގައި އިންޑިއާގެ ބައެއް މަޝްހޫރު ފިލްމީ ތަރިން ބައިވެރިވެ، އިންޑިއާގެ ރަށްތަކަށް ދިއުމަށް ބާރުއަޅައި ވަނީ ކެމްޕެއިނެއް ފަށައިފައެވެ. 'އެކްސްޕްލޯ އިންޑިއަން އައިލެންޑްސް'ގެ ހޭޝް ޓެގުގައި ފަށާފައިވާ އެ ކެމްޕެއިން އެކްސްގައި ޓްރެންޑް ވަމުންނެވެ.

އެ ކެމްޕެއިންގައި ސަލްމާން ހާން އާއި ޖޯން އަބްރަހަމް އާއި ޝްރައްދާ ކަޕޫރު އަދި ޓައިގާ ޝްރޮފްގެ އިތުރުން އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރު ވެސް ވަނީ ބައިވެރިވެފައެވެ.

އެ ކެމްޕެއިންގައި ބައިވެރިވެ، އަކްޝޭ ކުމާރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިންޑިއާ އާއި ރާއްޖެއަކީ ގާތް އަވަށްޓެރިން ކަމަށާއި ނަމަވެސް އިންޑިއާއަކީ އަވަށްޓެރިންނަށް ރަނގަޅު ބައެއް ކަމަށާއި ނަމަވެސް ނަފުރަތު އުފެއްދުން ބަލައިނުގަނެވޭނެ ކަމަށެވެ. އެހެންވެ އޭނާ ވަނީ ރާއްޖެއަށް ދަތުރުކުރުމުގެ ބަދަލުގައި ލަކްޝަދީޕަށް ދިއުމަށް ބާރު އަޅައިފައެވެ.