ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމާއި އޮންލައިން ޕޭމަންޓު ހެދުމުގައި ހުރި ހުރަސްތައް ނައްތައިލުމާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބާއްވާ ކެބިނެޓު ބައްދަލުވުމުގެ ކުރިން، މަޝްވަރާކުރައްވާނެ ކަންތައްތަކުގެ މައުލޫމާތު ރައީސް ހިއްސާކުރައްވާ ވީޑިއޯއެއް ރައީސް އޮފީހުގެ އެކްސް އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ.
އެ ވީޑިއޯގައި ރައީސް ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމާއި އޮންލައިން ޕޭމެންޓް ޕްލެޓްފޯމުތައް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ހުރި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އޭގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފުކުރުމުގެ ގޮތުންނާއި މީޑީއާ ވިލެޖާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިމެނޭ ގިނަ ކަންކަމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ "ހަފުތާ 14" ޕްލޭންގައި ހިމަނައިގަން ކުރަން ރާވާފައިވާ ކަންކަމެވެ. އެގޮތުން އިންވެސްޓްމަންޓް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ "ޕޮލިސީ ފްރޭމްވޯކް" އެކުލަވާލުމުގެ މަސައްކަތްކުރަން ރާވާފައިވަނީ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ.
އޮންލައިން ޕޭމަންޓު ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ލިބިގަތުމަށް ހުރި ހުރަސްތަކަށް ގާނޫނީ ހައްލު ހޯދައިދިނުމުގެ މަސައްކަތް ފުރަތަމަ ނުވަ ހަފުތާގެ ތެރޭގައި ފެށުމަށް ތާވަލުކޮށްފައިވާ އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފުކުރަން ވެސް ރާވާފައިވަނީ ފުރަތަމަ ނުވަ ހަފުތާގެ ތެރޭގައެވެ.
އޭގެ ތެރޭގައި ދެން ހިމެނޭ މީޑީއާ ވިލެޖު ގާއިމުކުރާނީ ހުޅުމާލޭގައި ކަމަށް ކެބިނެޓުން މީގެ ކުރިން ނިންމާފައިވާ އިރު، އެތަނުން މީޑިއާތަކަށް ތަން ދޫކުރުމާއި މީޑިއާތަކަށް އާމްދަނީ ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން ކެބިނެޓަށް ލިޔުމެއް ހުށަހަޅުއްވާނެ ކަމަށް އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު