ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ އެ ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އަންގާރަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕެކޭޖެއް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.

އެ ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުރެވިގެން އެ ޕެކޭޖު އިތުރަށް ފާސްކުރުމުގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ސިންތެޓިކް ކެތިނޯން"އަށް ފޮޒިޓިވްވި ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 1.132 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ، އަތުލައިގަނެފައިވާ މަސްތުވާތަކެއްޗާއެކު 20 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.