ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، އާބަންކޯގެ ނަމަށް ބަދަލުކުރި ނަމަވެސް މިދިޔަ ސަރުކާރުން ގާނޫނީ ގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ހުޅުމާލޭގައި ބޭއްވި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އާބަންކޯއަކީ ގާނޫނީގޮތުން އަދިވެސް އެޗްޑީސީ ކަމަށެވެ. އަދި ރައީސް ވަނީ އެކަމުގައި ތުހުމަތެއް ވެސް ކުރައްވައިފައެވެ.
"އަޅުގަނޑު އެޗްޑީސީއޭ މި ދަންނަވަނީ އެ ކުންފުންޏަށް ކިޔަނީ އެޗްޑީސީ ވީމަ. މަތިމަތިން ސުޕަފިޝަލް ގޮތަކަށް ނަން ބަދަލުކޮށްލާފައި އޮތަސް ގާނޫނީ އެއްވެސް ކަމެއް ކޮށްފައެއް ނެތް އާބަންކޯ ކިޔާކަށެއް. ގާނޫނީގޮތުން ކުންފުންޏަށް ކިޔަނީ އެޗްޑީސީ، އެއްވެސް ބަދަލެއް ނެތް ގެނެސްފައެއް. މިދިޔަ ސަރުކާރުން ނަން ބަދަލުކޮށްލި އިރުގައި، ބޮޑަށް ހީވަނީ ކޮންމެވެސް ފަރާތަކަށް ކޮންމެވެސް ބޮޑު ފައިސާގަނޑެއް ދިނުމަށް ބްރޭންޑިން މަސައްކަތެއް ކޮށްލާފައި އޮތީ ކަމަށް. ގާނޫނީ އެއްވެސް ކަމެއް ނެތް ކޮށްފައެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފުލެޓުތަކަށް ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްދީފައިވުމުން، މިހާރު ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި ނުދައްކާ ހުރި ކުލީގެ ފައިސާގެ އަދަދުތައް އެޗްޑީސީއާ ގުޅިގެން ލުއިގޮތަކަށް ދެއްކޭނެ ކަމަށެވެ.
"އެހެންވީމާ ކޮންމެ ފަރާތަކުން ވެސް އެޗްޑީސީއާ އެއްކޮށް، އެ އޮންނަ އުސޫލަކުން އިށީނދެވަޑައިގެން އެ އެގްރީމެންޓުތަކަށް ބާކީ ދައްކަމުން އައި އަދަދު ލުއިގޮތަކަށް ބަހާލައިގެން ދެއްކޭނެ، ޖޫރިމަނާއެއް ނުޖެހޭ ދައްކާކަށް. އެޗްޑީސީގެ އެމްޑީ ކުރައްވަންވީ ކަމަކީ، އެޗްޑީސީގެ ފަރާތުން އެގްރީމެންޓުތައް މި ދެންނެވި ގޮތަށް ހުރިހާ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ޕެންޑިން ޕޭމަންޓްސް ދެއްކޭނެ ގޮތެއް ހަމަޖައްސައިގެން، މިހާރު ވެސް ފައްޓަވާފައިވާ މަސައްކަތް ބާރުމިނުގައި ގެންދަވާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންނަ މަހުން ފެށިގެން ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލިން 20 ޕަސަންޓު އަގު ކުޑަވެގެންދާނެ ކަމަށާއި އޭގެ އިތުރުން މެއިންޓެނަންސް ފީ ކުޑަކޮށްދެއްވުމަށް ވެސް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު