އަންނަ މަހުން ފެށިގެން ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލި ކުޑަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިއަދު މެންދުރު ހުޅުމާލޭގައި ބޭއްވި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓުތަކުގެ މަހުން މަހަށް ދައްކަންޖެހޭ އަދަދަކަށް މިހާތަނަށް ސަރުކާރުން ލުއި ދީފައިނުވާ ކަމަށާއި ނަމަވެސް އަންނަ މަހުން ފެށިގެން އެ ބަދަލު އަންނާނެ ކަމަށެވެ.
"އަޅުގަނޑު މިއަދު މިތަނުގައި އިއުލާންކޮށްލަން ބޭނުންވަނީ މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފުލެޓަކުން މި އަންނަ މަހުން ފެށިގެން 20 ޕަސަންޓު އަގު ކުޑަވެގެންދާނެއޭ. އެހެންވީމާ މި ލުއި އަޅުގަނޑުމެން ރައްޔިތުންނަށް މި ދެނީ އިގުތިސާދީ ހާލަތު ހުރިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި، އާމްދަނީ އަތްމަތީގައި ވަރަށް ކުޑަ. އެހެންވީމާ ދެއްކެން އޮތް އެއްޗެއް މި ދެއްކެނީ ވަރަށް ހާލުގައި. ސަރުކާރުން އެހީތެރިކަން މިކަމުގައި ދޭން ބޭނުން. ސަރުކާރުން ދެން އެ 20 ޕަސަންޓް މެނޭޖުކުރާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފޭސް އެކެއްގައި ހުރި ފުލެޓުތަކުގައި ގިނައީ ދެ ގައުމުގެ ދޭތެރޭގައި ހެދިފައި ހުރި އެގްރިމެންޓުތަކުން ދައްކަން ހުރި ލޯނުތައް ކަމަށާއި އެކަން ސަރުކާރަށް މެނޭޖުކުރެވޭނެ ކަމަށެވެ. އަދި ފުލެޓުތަކުގެ މެއިންޓެނަންސް ފީ ކުޑަކުރުމަށް ވެސް މަސައްކަތްކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"ދެން އޮތީ މެއިންޓެނަންސް ފީ، އެޗްޑީސީގެ ފަރާތުން އެކަމުގައި މަސައްކަތްތަކެއް ކުރައްވާނެ. ހައުސިން މިނިސްޓްރީން މެއިންޓެނަންސް ބަލަހައްޓަމުންދާ ތަންތަން ވެސް ހުންނާނެ. އެތަންތަން ހައުސިން މިނިސްޓްރީ އާއި ސަރުކާރު ގުޅިގެން ކޮންމެވެސް ގޮތްތަކެއް ހޯދޭނެ. މިވަގުތަށް އޭގެން ވަކި އަދަދެއް ކުޑަކުރާނެކަން އަޅުގަނޑަށް ދެންނެވެން ނެތީ އެ ހިސާބުތައް ހަދައި ނުނިމޭތީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ޖޫރިމަނާތަކެއް މައާފުކޮށްދެއްވާފައިވުމުން، ފުލެޓުތަކަށް އެއްވެސް ޖޫރިމަނާއެއް މިހާރު ދައްކަން ނުޖެހޭނެ ކަމަށާއި ނުދައްކާ ހުރި ކުލީގެ ފައިސާގެ އަދަދުތައް އެޗްޑީސީއާ ގުޅިގެން ލުއިގޮތަކަށް ދެއްކޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު