ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އަދި މާލޭ ސިޓީގެ އެކްޓިން މޭޔަރު އަހުމަދު ނަރީޝްއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހުގެ 31 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުމާލޭގައި މުނިސިޕަލްގެ ހިދުމަތް ފޯރުކޮށްދޭނީ ސިޓީ ކައުންސިލުން ކަމަށެވެ.
ހުޅުމާލޭގައި މުނިސިޕަލްޓީގެ ހިދުމަތްތައް ފޯރުކޮށްދެމުން އައިސްފައި ވަނީ އާބަންކޯންނެވެ. ރައީސް ވިދާޅުވެފައިވަނީ މުނިސިޕަލްޓީގެ ހިދުމަތްތައް ދެމުން ގެންދިޔަ މުވައްޒަފުންނާއި މެޝިނަރީސްތައް، އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރާނެ ކަމަށެވެ.
"މުވައްޒަފުންނަށް ކުރިން ވެސް ލިބުނު މުސާރަ ލިބެމުންދާނެ އެއް އަހަރު ވަންދެން،" ރައީސް ވިދާޅުވެފައިވެއެވެ.
ހުޅުމާލޭގެ، މުނިސިޕަލްޓީ ހިދުމަތްތައް، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ކައުންސިލްގެ އިންތިހާބުގައި ވެސް ރައީސް މުއިއްޒު ވަނީ އެ ވައުދުފުޅުވެވަޑައިގެންފައެވެ. މޭޔަރުގެ މަގާމުގައި ހުންނެވި އިރު ރައީސް ވަނީ، އެ ވައުދު ފުއްދުމަށް ވަރަށް ގިނަ މަސައްކަތްޕުޅު ކުރައްވައިފައެވެ. ހުޅުމާލޭގެ ރަޖިސްޓްރީ އާބަންކޯގެ ނަމުގައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް، އެ މައްސަލަ ވަނީ ޝަރީއަތަށް ވެސް ހުށަހަޅައިފައެވެ. ނަމަވެސް މައްސަލަ ނިމުނީ ސިޓީ ކައުންސިލާ ދެކޮޅަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު