އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)، "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ފައިސާގެ އެހީތެރިކަން ދޭ ފަރާތްތައް އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އެލައިޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރިއަމް ފޯ ގުޑްގެ ދަށުން ކޮމިއުނިޓީ ފަންޑް ލިބޭ ހަތަރު ފަރާތަކާއި އެޑިއުކޭޝަން ފަންޑް ލިބޭ ހަ ސްކޫލެއް އިއުލާންކޮށް، ވަނީ ފައިސާގެ އެހީތެރިކަން ހަވާލުކޮށްފައެވެ.

އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ދޭ ކޮމިއުނިޓީ ފަންޑް ދެނީ ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، މިންތީގެ ހަމަހަމަކަމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގާ ޕްރޮޖެކްޓްތަކަށް ކުރިމަތިލާ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ހަތަރު ޖަމިއްޔާއަކަށެވެ.

އެގޮތުން ކޮމިއުނިޓީ ފަންޑަށް ހޮވޭ ކޮންމެ ޖަމިއްޔާއަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީތެރިކަންދެއެވެ.

  • ނައިފަރު ޖުވެނައިލް
  • މިލަންދޫ ސްޕޯޓްސް ކްލަބް
  • ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ
  • ބްލޫ ގިލްޑް ފައުންޑޭޝަން

އެލައިޑުން ބުނީ، ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެ ކުންފުނިން ދޭ އެޑިއުކޭޝަން ފަންޑަށް މި އަހަރު ކުރިމަތިލީ ހަ ސްކޫލަކުން ކަމަށާއި އެ ސްކޫލްތަކުން ހުށަހެޅި ޕްރޮޕޯޒަލްތަކުގައި ހުރީ މުހިންމު ކަންތައްތަކެއް ކަމަށް ފެންނާތީ އެ ހުރިހާ ސްކޫލަކަށްވެސް ފަންޑު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެޑިއުކޭޝަން ފަންޑް ދޭން ނިންމި ކޮންމެ ސްކޫލަކަށް 25،000 ރުފިޔާގެ އެހީއެއް ދޭނެއެވެ.

  • ފޯކައިދޫ ސްކޫލު
  • މާމެންދޫ ސްކޫލު
  • ހިރިލަންދޫ ސްކޫލު
  • ބ. އަތޮޅު އެޑިއުކޭޝަން ސެންޓާ
  • މުހައްމަދު ޖަމާލުއްދީން ސްކޫލު
  • މަދަރުސަތުލް އިފްތިތާހު

އެ ސްކޫލުތަކުން ހިންގަން ހުށަހެޅި ޕްރޮޖެކްޓުތަކުގެ ތެރޭގައި ލައިބްރަރީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ފޮތް ހޯދުމާއި ސްޓަޑީ ބެންޗު ހެދުމާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގާ ލިޓްރަސީ ޕްރޮގްރާމުތައް ހިމެނެއެވެ.

މިއީ އެލައިޑުން "ޕްރިމިއަމް ފޯ ގުޑް" ފަންޑު ހިންގާ ދެވަނަ އަހަރެވެ.