މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޖެނުވަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންނާއި ސިވިލް ސާވަންޓުން އަދި އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އޭރު ވިދާޅުވީ، މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު އެންމެ އާދައިގެ ފުލުހެއްގެ މުސާރަ 11،000 ރުފިޔާ އިން 15،400 ރުފިޔާއަށް އަދި ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500 ރުފިޔާ އިން 16،400 ރުފިޔާއަށް މުސާރަ ބޮޑުވާނެ ކަމަށެވެ.

ނަމަވެސް ޕޭ ކޮމިޝަނުން ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު އެ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން އިއުލާންކުރީ ރައީސް ސޯލިހުގެ ވެރިކަން ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން "ވަން" އިން ސުވާލު ކުރުމުން މިނިސްޓަރު ޝަފީގު މިރޭ ވިދާޅުވީ ބަޖެޓާއި ކޭޝްފްލޯއަށް ބަލައި، ކުރީގައިވެސް ނިންމާފައިވާ ގޮތަށް އެންމެ ފުރަތަމަ މުސާރަ ބޮޑު ކުރާނީ ސިފައިންނާއި ފުލުހުންނަށް ކަމަށާއި އެ ދެ އިދާރާގެ މުސާރަ މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ބޮޑު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ސަރުކާރުގައި ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެންނަން ނިންމާފައިވާ ކަމެއް އަދި ނޭނގެއެވެ. އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލްއަށް ގުޅުއްވުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.